ބޮލީވުޑް މުނިފޫހިފިލުވުން

ދާ ކޮންމެ ތާކުން އަދިވެސް ހޯދެނީ މަންމަ: ޖާންވީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޖާންވީ އޭނާގެ މަންމަ ސްރީދޭވީއާއެކު

ބޮލީވުޑްގެ މަގްބޫލު ބަތަލާ ސްރީ ދޭވީ ނިޔާވިތާ ފަސް އަހަރު ފަހުން އަދިވެސް ދާ ކޮންމެ ތާކުން ހޯދެނީ އޭނާ ކަމަށް ދޮށީ ދަރިފުޅު ޖާންވީ ކަޕޫރު ބުނެފި އެވެ.

Ads by STELCO

ދުބާއީގައި ހުއްޓައި ބާތު ޓަބުގެ ތެރެއަށް ގެންބިގެން ސްރީދޭވީ ނިޔާވީ 2018 ވަަނަ އަހަރުގެ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާގެ މަރުގެ ކުއްލި ހަބަރާއި ގުޅިގެން މުޅި ބޮލީވުޑަށް ލިބުނީ ސިހުމެކެވެ. ސްރީދޭވީ އަކީ ބޮލީވުޑްގައި މަގުބޫލުކަން ހޯދި ކުޅަދާނަ ބަތަލާއިންގެ ތެރެއިން އެކަކެވެ.

މަންމަ މަރުވިތާ ފަސް އަހަރު ފުރޭ ދުވަހާއި ގާތްކޮށް ޖާންވީ އޭނާގެ ސޯޝަލް މީޑިއާގައި ވަނީ އަސަރުގަދަ އިހުސާސްތަކެއް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ އަދިވެސް ދާ ކޮންމެ ތާކުން ހޯދެނީ މަންމަ ކަމަށެވެ.

"ކުރާ ކޮންމެ ކަމެއް އަދިވެސް ކުރަނީ މަންމަ ފަހުރުވެރިވާނެ ކަމުގެ އުއްމީދުގައި" ޖާންވީ ލިޔުނެވެ.

އޭނާ ބުނީ ކުރާ ކޮންމެ ކަމެއް ފެށެނީވެސް ނިމެނީވެސް މަންމަ ސްރީދޭވީއާ ހިސާބުން ކަމަށެވެ.

ޖާންވީގެ ބައްޕަ އަދި ސްރީދޭވީގެ ކުރީގެ ފިރިމީހާ، މަޝްހޫރު ޕްރޮޑިއުސަރު ބޯނީ ކަޕޫރު ވަނީ މިއަހަރު ސްރީދޭވީގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފޮތެއް ލޯންޗު ކުރާނެކަމަށް ބުނެފަ އެވެ. އެ ފޮތަށް ކިޔަނީ "ސްރީދޭވީ: ދަ ލައިފް އޮފް ލެޖެންޑް" އެވެ. އެ ފޮތް ލިޔުނީ މަޝްހޫރު ލިޔުންތެރިޔާ ދީރަޖް ކުމާރެވެ.

ސްރީދޭވީ އެންމެ ފަހުން ކުޅުނީ ހިންދީ ފިލްމު "މޯމް" އެވެ. ބޮޑު ކާމިޔާބީއެއް ހޯދި އެފިލްމު ރިލީޒްވީ 2017 ވަނަ އަހަރެވެ. މީގެ އިތުރުން ޝާހުރުކް ހާން ލީޑްރޯލުން ފެނުނު ފިލްމު "ޒީރޯ" 2018 ގަައި ނިކުތްއިރު އެ ފިލްމުގައި ސްރީދޭވީގެ ހާއްސަ ފެނިލުމެއް ހިމެނި އެވެ. މިފިލްމު ރިލީޒްވީ ސްރީދޭވީ ނިޔާވި ފަހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!