ޕީޕީއެމާއެކު ކޯލިޝަން ހަދަން ސިޔާމާއި ގާސިމާއި ރައީސް ނަޝީދަށް ދައުވަތު ދީފި

ރިޔާސީ އިންތިޚާބުގައި އެކުގައި މަސައްކަތް ކުރެއްވުމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދާއި ޖުމްހޫރީ ޕާޓީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް، ޕީޕީއެމުން ދައުވަތު ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވީ ރައީސް ނަޝީދާއި ގާސިމް އިބްރާޙިމް ކޯލިޝަން ހައްދަވައިފި ނަމަ ރައީސް ޞާލިޙް ދާނީ އިންތިހާބުގެ ތިންވަނައަށް ކަމަށެވެ. އަދި ގިނަ ރައްޔިތުން ވޯޓު ދިނީ ރައީސް ޞާލިޙްއަކީ ވަރަށް ހިކުމަތްތެރި ބޭފުޅެއް ކަމަށް ހީކޮށް ކަމަށް ތޯރިގް ވިދާޅުވިއެވެ.
“އެކަމަކު ގެނެސް ތަހުތައް އެރުވީމާ މި އިނގެނީ މީގަ ހުރި ކަމެއް. އެއަކު ނެތް އެއްވެސް ކަމެއް. ހަމަ ހުސްކޮށް ހުރީ. ހުސްކޮށް ހުރީ. ވާ ކޭ އުނބެކޭ އެއްވަރެއް" ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވިދާޅުވީ އެމްޑީއޭއަކީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާ ވަރަށް ގާތް ގުޅުންތަކެއް އޮންނަ ޕާޓީއެއް ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީއަކީވެސް ޕީޕީއެމްއާ ގާތް ގުޅުމެއް އޮންނަ ޕާޓީއެއް ކަމަށާއި ޖުމްހޫރީ ޕާޓީއަށް މިހާތަނަށް ކޯލިޝަން ހަދައިގެެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއްގައި މަސައްކަތްކޮށްފައި އޮންނާނީ ޕީޕީއެމް އެކަނި ކަމަށް ތޯރިގް ވިދާޅުވިއެވެ.
“ޖުމްހޫރީ ޕާޓީގެ ލީޑަރަށްވެސް އަޅުގަނޑު ގޮވާލަން ފުރަތަމަ ބުރުގައި އަޅުގަނޑުމެންނާއެކު ކޯލިޝަންގައި ބައިވެރިވަން ނުވަތަ ދެވަަނަ ބުރުގައި އަޅުގަނޑުމެންނާއެކު ރިޔާސީ އިންތިހާބު ނިންމުމަށް މަސައްކަތް ކުރެއްވުމަށް،" ތޯރިގު ވިދާޅުވިއެވެ.





.webp)

ކޮމެންޓް