އެމެރިކާގެ ރިޔާސީ ރޭހަށް ވެސް އިންޑިއާ ދަރިކޮޅުގެ މީހުން ނިކުންނަނީ
އަންނަ އަހަަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާކަން އިންޑިއާ ދަރިކޮޅުގެ ދެމީހަކު ހާމަކޮށްފިއެވެ. ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ދެމީހުންގެ ތެރެއިން ފުރަތަމަ އެކަން ހާމަ ކުރެއްވީ، ސައުތު ކެރޮލިނާގެ ކުރީގެ ގަވަަރުނަރު އަދި އދ ގައި ކުރިން އިންނެވި އެމެރިކާގެ އެމްބެސެޑަރު ހާލޭއެވެ.
ހާލޭ އަށް ފަހު އެރޭހުގައި ވާދަ ކުރާކަން މިއަދު ހާމަ ކުރީ، އެމެރިކާގައި މެޑިކަން ސާމާނު އުފައްދާ ޓެކް ކުންފުންޏެއްގެ ވެރިއެއް ކަމަށްވާ، އުމުރުން 37 އަހަރުގެ ވިވެކް ރާމަސްވާމީއެވެ. މި ސްވާމީއަކީ އޭނާގެ މައިންބަފައިން އެމެރިކާގެ އޮހިއޯއަށް ހިޖުރަކޮށް އުޅުމުގެ ތެރޭގައި ލިބުނު ކުއްޖެކެވެ. އޭނާ ނިސްބަތް ވަނީ އިންޑިއާގެ ކެރެލާ ސްޓޭޓަށެވެ.
ވެރިކަމުގެ ރޭހަށް ނުކުންނާނެކަން ހާމަ ކުރަމުން އޭނާގެ އެންމެ ބޮޑު ވައުދަކަށް ވީ، ޗައިނާ އަށް ބަރޯސާވާން ނުޖެހޭތަނަކަށް އެމެރިކާ ހެދުމުގެ ވައުދެވެ. އޭނާ ބުނީ، އިހަށް ދުވަހު އެމެރިކާ މައްޗަށް އެރި ބެލޫނަކީ ރަޝިއާގެ ބެލޫނެއް ނަމަ އެމެރިކާ އިން ވަގުތުން އެ ވައްޓާލީސް ކަމަށާއި ޗައިނާގެ ބެލޫން ވަގުތުން ވައްޓާނުލެވުނީ، އެމެރިކާއިން ޗައިނާއަށް ބަރޯސާވާން ޖެހިފައި އޮތުމުން ކަމަށެވެ. އެކަން އިތުރަށް ތަފްސީލު ކޮށްދެމުން އޭނާ ބުނީ، އެމެރިކާގެ ސިޔާސަތު މިވަގުތު ކޮންމެ ގޮތަކަށް އޮތަސް، އިގްތިސޯދީ ކަންކަމުގައި ޗައިނާއާއެކު މުއާމަލާތް ކުރަން ޖެހޭ ކަމަށާއި، ޒަމާނީ އެމެރިކާއެއްގެ ގޮތުގައި އެމެރިކާ ދެމިއޮތުމަށް ވެސް މިވަގުތު ޗައިނާއަށް ބަރޯސާވާން ޖެހިފައި ވާ ކަމަށެވެ.
އޭނާ ބުނީ، ވެރިކަމަށް ނިކުންނަނީ އެކަންކަން މުޅިން ބަދަލުކޮށްލައި އެއްގޮތަކަށްވެސް ޗައިނާ އަށް ބަރޯސާ ވާން ނުޖެހޭ އެމެރިކާއެއް ގެނައުމަށް ކަމަށާއި، ބޮޑު އަގެއް ދައްކައިގެން ވިޔަސް އެކަން އޭނާ ކުރާނެ ކަމަށެވެ.
މި ސުވާމީއާއި ހާލޭ، ރިޔާސީ އިންތިހާބަށް ނިކުންނަ އިރު، ދެމީހުން ފުރަތަމަ ޖެހޭނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރާށެވެ. ވައިޓްހައުސް އާ ހިސާބަށް ދިޔުމުގެ ހުވަފެން ހަގީގަތަކަށް ވުމުގެ ފުރުސަތު ލިބޭނީ އެހިސާބުންނެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޑަކު ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީ އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީގައެވެ. ރިޔާސީ އިންތިހާބު އޮންނާނީ އެއަހަރުގެ ނޮވެމްބަރު 5 ގައެވެ.
ސުވާމީއަކީ ވައިޓްހައުސް އަށް ވަނުމުގެ ރޭހުގައި މިހާތަނަށް ވާދަކުރާ އިންޑިއާ ދަރިކޮޅުގެ 4 ވަނަ މީހާއެވެ. މީގެ ކުރިން 2016 ވަނަ އަހަރު އިންޑިއާ ދަރިކޮޅު މީހެއް ކަމަށް ވާ ބޮބީ ޖިންދާލްގެ އިތުރުން 2020 ގައި ނައިބު ރައީސް އަކަށް ވި (މިހާރުގެ ނައިބު ރައީސް) ކަމަލާ ހެރިސް އަކީ ވެސް އިންޑިއާ ދަރިކޮޅު ބޭފުޅެކެވެ.
އެމެރިކާގެ ރިޔާސީ ރޭހަށް އިންޑިއާ ދަރިކޮޅުގެ މީހުން ނިކުންނަ އިރު، އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ރިޝީ ސޫނަކް އަކީވެސް އިންޑިއާ ދަރިކޮޅު ބޭފުޅެކެވެ.