ކާފިއުއާއެކު ދަމު ނަމާދަށް މިސްކިތަކަށް ނުދެވޭނެ!
މާލޭގައި މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފައިވާ ކާފިއުއަށް އަމަލު ކުރަން ފެށުމާއެކު ދަމު ނަމާދަށް ދެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، "ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމާފައިވާ" ކަމަށެވެ. މިހެން ކަމަށްވާ ނަމަ މިވަގުތުން ފެށިގެން މާލޭގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް ކަމަށް ވެގެންދާނެއެވެ.
އާއްމުކޮށް ދަމުނަމާދު ކުރަނީ މެންދަމުގެ 2 އިން ފެށިގެން ކަމަށް ވާތީ ދަމު ނަމާދަށް ދާ މީހުންނަށް ޚާއްސަ އުސޫލެއް ނެތްނަމަ ނަމާދަށް މިސްކިތަށް ދިއުމަށް ކާފިއު ހުރަސްތަކެއް އެޅިގެންދާނެއެވެ.
އެޗްޕީއޭއިން ބުނެފައި ވަނީ، ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޚިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށާއި ބޭރުގައި އުޅެވޭނީ އެ ހުއްދައާއެކުގައި ކަމަށެވެ.
މިކަމާ ގުޅިގެން އެޗްޕީއޭ އާ "ދެން" އިން ސުވާލު ކުރުމުން ބުނެފައި ވަނީ އަދި އިޢުލާންކޮށްފައި ވަނީ ކާފިއު ހިންގާނެކަން ކަމަށާއި އިތުރު ތަފްސީލް މާދަމާ ދެވިގެންދާނެ ކަމަށެވެ. އަދި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުންނަން ޖެހޭ މީހުން ކަން ކުރަން ޖެހޭނެ ގޮތްވެސް އިޢުލާން ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިއީ ރަމަޟާން މަހުގެ ފަހު ދިހަ ކަމަށްވާތީ މިސްކިތްތަކަށް ނަމާދަށް ދިއުމަށް ހުރަސް އެޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މިހާރުވެސް ކޮވިޑް-19 ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތް ހަދަމުން ދަނީ ގައިދުރުކޮށެވެ.







ކޮމެންޓް