ދީން

ކުރު ނަމަވެސް މަތިވެރި މެސެޖެއް!

ދެން އެމްވީ ، ދެން އޮންލައިން

ނަމާދަކީ ދީނުގެ ތަބެވެ. އިސްލާމްކަމާއި ކުފުރާ ވަކިކޮށްދޭ އިންފާރެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލެވެ.

ނަމާދު އަޅާފައި ކުރާ އެއްވެސް ހެޔޮ އަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޤަބޫލު ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އެއީ އަހަރަކު 1000 މީހުން ހައްޖަށް ފޮނުވިޔަސް މެއެވެ. އަދި ފަގީރުންނާއި މިސްކީނުންނަށް ކާންދިނުން ފަދަ ދަރުމައާއި ޘަވާބުން ފުރިގެންވާ ޢަމަލެއް ކަމަށް ވީނަމަވެސް މެއެވެ.

ނަމާދުގެ މުހިންމު ކަމާއި އޭގެ ފައިދާއަކީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެކެވެ. ނަމަވެސް ނަމާދަށް ފަރުވާ ކުޑަކޮށް އަދި ކިއެއް! ނަމާދު އަޅާ މީހުންނަކީ ވެސް އަޅުގަނޑުމެންގެ ތެރޭގައި މަދު ބައެއް ނޫނެވެ. ފަލާހާއި ކާމިޔާބު މިންވަރު ކުރައްވާ އިލާހު އެކަން ހާސިލް ކުރުމަށް ގޮވައިލެއްވުމުން ބައެއް މީހުން އެކަމަށް ދެނީ ބީރު ކަންފަތެކެވެ. ނަމާދުން ލިބޭ ހިތްހަމަޖެހުމުގެ ބަދަލުގައި ކޮފީއެއްގައި އަނގަތަޅާލުން މާފައިދާ ބޮޑުކަމަށް ދައުވާކުރާކަމަަށް ބައެއް މީހުންގެ އަމަލުތަކުން ފެނެއެވެ.

ނަމާދަށް ރައްކާތެރިވުމަށް ގޮވާލާ ފަދައިން ޖަމާޢަތުގައި ނަމާދުކުރުމަށް ސަމާލުކަން ދިނުމަށް ވެސް އަޅުގަނޑުމެން ވިސްނަން ޖެހެއެވެ. އެހެނީ އެއީ އިޖުތިމާއީ ފައިދާގެ އިތުރުން ޘަވާބާއި ދަރުމައިގެ ގޮތުން އެތައް ގުނައެއް އިތުރު ވެގެންދާ ކަމެކެވެ. ވިސްނާށެވެ. ވަކި ގަޑިއަކަށް ވަކި ތަނަކަށް ޙާޟިރު ވެއްޖެނަމަ ބޮޑު ފައިސާގެ އިނާމެއް ދޭނެކަމަށް އިއުލާން ކޮށްފިނަމަ އެތަނެއްގައި އެ ވަގުތެއްގައި ހަނގުރާމައެއް ހިނގީހެވެ.

މިހުރިހާ ވާހަކައެއް ސިކުނޑީގައި އާވެ އާލާވީ ''ރެޑް ބަނާނާ'' ފިހާރައިން ދީފައިވާ ކުރު ނަމަވެސް މަތިވެރި މެސެޖެއްގައެވެ. ނަމާދު ވަގުތަށް އެފިހާރަ ބަންދުކޮށްފައި ހުންނައިރު ފިހާރައިގައި ހަރުކޮށްފައިވާ އެފިހާރައިގެ ވެރިން ވެސް ތިޔަ އަޚާއަށް ދޭ މެސެޖަކީ ''ތިބާ ވެސް ޖަމާޢަތުގައި ނަމާދުކުރަން އާދަކުރާށެވެ''.

އަޅުގަނޑުމެން ވާންޖެހޭނީ ހެޔޮ ކަންތައްކުރާ އެކަމަށް ގޮވާލާ މީހުންނަށެވެ. ނުބައިކަންތަކުން ދުރުވެ އެކަންތައް މަނާ ކުރާ މީހުންނަށެވެ. ފަހެ އަޅުގަނޑުމެން މާތް ކުރެވުނީ އެސަބަބާހުރެ ނޫންތޯއެވެ.

ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘް ފުޅެއްގައި އައިސްފައިވެއެވެ.

"އެނަމާދުތަކަށް ރައްކާތެރިވާމީހާއަށް ނޫރެއް ކަމުގައްޔާއި ، ބުރުހާނަކާއި ނަޖާތެއްކަމުގައި ޤިޔާމަތް ދުވަހުން އެ ނަމާދު ވާނެތެވެ."

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!