ފެބްރުއަރީ މަހު ލިބުނީ އަންދާޒާކުރި ވަރަށްވުރެ %20.8 ދަށް އަދަދެއް
ފެބްރުއަރީ މަހު ދައުލަތަށް ލިބިފައިވަނީ އަންދާޒާކޮށްފައިވާ އަދަދަށްވުރެ 20.8 އިންސައްތަ ދަށް އަދަދެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބްރުއަރީ މަހު މީރާއަށް 1.72 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %18.6 އިތުރު އަދަދެކެވެ. ނަމަވެސް، މިއީ މިއަހަރުގެ ފެބުރުވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %20.8 ދަށް އަދަދެއްކަމަށް މީރާއިން މައުލޫމާތުދެއެވެ.
ފެބްރުއަރީމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީންނެވެ. އެއީ 1.18 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 182.04 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 91.87 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ގޮތުގައި 81.87 މިލިއަން ރުފިޔާ، ޑިޕާޗަރ ޓެކްސްގެ ގޮތުގައި 78.84 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 98.55 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ކޯޕަރޭޓް އިންކަމް ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި އެއަރޕޯޓް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ. އަދި ޖަނަވަރީ 2022 އާއި އަޅާބަލާއިރު، ޖަނަވަރީ 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %30.9 އިތުރުވެފައިވުމެވެ. މީގެއިތުރުން މިއަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ޖީ.އެސް.ޓީ ރޭޓް ބޮޑުވުވުމަކީވެސް މިދިޔަ އަހަރަށްވުރެ މިއަހަރުގެ ފެބްރުއަރީމަހު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.
މީރާއިން ބުނީ ފެބުރުވަރީ 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ މަދުން އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބްރުވަރީ މަހު ލިބޭނޭ ކަމަށް އަންދާޒާކުރި ވަރަށްވުރެ ދަށްވުންކަމަށެވެ. އެއީ 1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީގެ ރޭޓަށް އައި ބަދަލާއެކު، ޖަނަވަރީ މަހު އައިސްފައިވާ ޓޫރިސްޓުންނާ ގުޅޭ ޖީ.އެސް.ޓީގެ ތެރެއިން ކޮންމެވެސް މިންވަރެއް، ޓައިމް އޮފް ސަޕްލައިގެ އުސޫލުގެ ތެރެއިން، ޖަނަވަރީ މަހުގައި ލިބިފައިވާތީ، ފެބްރުވަރީ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ ލިބުނު ޖީ.އެސް.ޓީ މަދުވުން ކަމުގައި މީރާއިން މައުލޫމާތުދެއެވެ.