ޖޫރިމަނާ ދައްކަން ރައީސް ޔާމީނަށް ކުރި ހުކުމްވެސް އިސްތިއުނާފުކޮށްފި

ވ. އާރަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރި މުއާމަލާތާއި ގުޅިގެން އުފުލި ދެދައުވާ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ހޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
އާރަށް މައްސަލައިގައި ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާގެ ގޮތުގައި 3.4 މިލިއަން ރުފިޔާ ދައުލަތަށް ދައްކަންވެސް ހުކުމް ކުރި އެވެ.
11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އިއްޔެ ވަނީ ޖޫރިމަނާ ދައްކަން ކުރި ހުކުމްވެސް އިސްތިއުނާފު ކޮށްފަ އެވެ. މިމައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ހައި ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
ރައީސް ޔާމީންގެ ވަކީލުން ޖަލު ހުކުމް އިސްތިއުނާފު ކުރިނަމަވެސް ހައި ކޯޓުން ވަނީ އެ މައްސަލަ އިސްލާހު ކުރުމަށް އަލުން ފޮނުވާލައިފަ އެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް އިތުރު ފައިސާއާ އެކު ޔާމީންގެ ބީއެމްއެލް އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި، އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް އެ މަނިކުފާނުގެ އެކައުންޓަކަށް 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ޖުމްލަ ޖުމްލަ 1.29 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ވެސް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ އިތުރު ދައުވާއެއްގެ ޝަރީއަތް މިހާރުވެސް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގައި ފުއްގިރި ކުއްޔަށް ދިން މުއާމަލާތާއި ގުޅިގެން ކޮށްފައިވާ ދައުވާ އެވެ.