ކޯލިޝަން ޕާޓީއަކުން އިންތިޚާބުގައި ވާދަ ކުރަން ނިންމާ ހިސާބުން، ކޯލިޝަން އެއްބަސްވުން ރޫޅޭނެ: ރަފިއްޔާ

ސަރުކާރު ހިންގާ މައި ޕާޓީއާއެކުގައި ކޯލިޝަން ހަދައިގެން ތިބި ސިޔާސީ ޕާޓީއަކުން ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމާ ހިސާބުން، ކޯލިޝަން އެއްބަސްވުން "އޮޓޯއިން" ނިމުމަކަށް އަންނާނެ ކަމަށް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު، ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
ރަފިއްޔާ މިހެން ވިދާޅުވީ، މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިޔާ، ޖޭޕީން، ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމި ނިންމުމާ ގުޅިގެންނެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޯލިޝަންގެ ބައިވެރިޔަކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމުމަކީ، ކޯލިޝަން އެއްބަސްވުމުގެ މަހްފޫމާ ޚިލާފު ކަމެއް ކަމަށާއި، އެކަން އެގޮތަށް ކުރާ ހިސާބުން އެއްބަސްވުން ނިމުމަކަށް ވެސް އަންނާނެ ކަމަށެވެ.
ރަފިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި، މި ހާލަތުގައި ދެން އެންމެ ރަނގަޅޮ ގޮތަކަށް ވާނީ، ޖޭޕީގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންވެސް މަޤާމުން އިސްތިއުފާ ދެއްވުމެވެ.
މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި، އެމްޑީއޭއިން ވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ނުކުންނަން ނިންމައިފައެވެ. އެ ޕާޓީން މިގޮތަށް ނިންމީ، ކޯލިޝަން ހެދުމާ ގުޅޭ ގޮތުން، އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާވެސް ވާހަކަ ދެއްކި ފަހުންނެވެ.







ކޮމެންޓް