ޖިހާދު އާއި މުނައްވަރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުން ކަމަށްވާ އަބްދުﷲ ޖިހާދު އާއި އަޙްމަދު މުނައްވަރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވައިފިއެވެ.
އޭސީސީން ބުނީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވީ ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމެއްގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް 'ޕުޓް-ރައިޓް އޮޕްޝަން' ހިމަނާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށެވެ.
އެ މައްސަލައިގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރުގެ މައްޗަށް ވެސް ދައުވާކުރުމަށް ފޮނުވާފައިވެއެވެ.
އެގޮތުން އެ ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12ވަނަ މާއްދާގެ (ހ) ގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ 13ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާ އެވެ.
އަދި ޤާނޫނުލްޢުޤޫބާތުގެ 512 (ހ) ގެ ދަށުން ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާއާއި، ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ)ގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ވެސް އެ ތިން ބޭފުޅުންގެ މައްޗަށް ކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފައެވެ.