ޤާސިމްއާ މައުމޫން ބައްދަލު ކުރައްވައިފި
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރައީސް މައުމޫނާއި ޖޭޕީގެ ލީޑަރު ޤާސިމް މިއަދު ބައްދަލުކުރައްވަން ނިންމަވާފައިވާކަން އެ ދެބޭފުޅުން ނިސްބަތްވާ ޕާޓީތަކުން ވަނީ "އައްޑޫލައިވް" އަށް ކަށަވަރު ކޮށްދީފައެވެ.
ރައީސް މައުމޫން އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން އިއްޔެ ވަނީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ ރައީސް ސޯލިހް އާއެކު އެމްއާރްއެމްއިން ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ދެ ފަރާތުންވެސް ޓީމްތައް ނަގައިގެން މަޝްވަރާ ކުރުމަށެވެ.
ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ ދައުވަތު ރައީސް ސޯލިހްގެ ފަރާތުން ކޯލީޝަން ޕާޓީތަކަށް ފޮނުވިއިރު އެކަމަށް ޖަވާބެއް ނުދީ އޮތީ ޖޭޕީ އަދި އެމްއާރްއެމްއިންނެވެ. ރައީސް ސޯލިހާއެކު ކޯލީޝަން އަދި ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއިންނެވެ.
ޖުމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ރިޔާސީ އިންތިހާބަށް ޤާސިމާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.
ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ރަށެއްގެ މައްސަލައިގައި ރިޝްވަތު ނެގިކަމަށް އަދި މަނީލޯންޑްރީ ކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.