ޚަބަރު

ސައުދީން ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސަޢޫދީ ސަރުކާރުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

Ads by Sosun Fihaara

މިކަމަށްޓަކައި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ރާއްޖެ ވަޑައިގެން މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ. ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ރަސްގެފާނުގެ ފަރާތްޕުޅުން ކަމަށެވެ.

އަދި ރާއްޖެއާއި އެ ޤައުމާ އޮންނަ ގުޅުން ދެމި އޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ޤައުމުން ހެޔޮއެދޭކަން ފާހަގަކުރެއް ވިއެވެ. އަދި އެ ޤައުމާއި ރާއްޖެއާއި އޮންނަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެކަމަށް ސަފީރު ވިދާޅުވި އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށް، އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކަދުރު ބަހަން އަންނަ ހަފްތާގައި އިޢުލާންކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!