އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވައިފި

އިހުތިރާމް އަދާރާމުކުރުމުގެ ގައުމީ މަޝްރޫއު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
އެ މަޝްރޫއު ރައީސް އިފްތިތާހުކޮށްދެއްވީ މާފަންނު ޓްރެކް ސަރަޙައްދުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
އެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ފަހު ރައީސް އެ މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯ ވެސް އިފްތިތާހުކޮށްދެއްވާފައެވެ.
ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިހުތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފައްޓަވަން އެދިވަޑައިގަންނަވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކަކުން ވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަހުލާގު އަލުން އިޔާދަކުރެއްވުމަށް އިހުތިރާމު އަދާކުރުމުގެ ފަސް އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގަން ނިންމާފައިވާއިރު އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ޝިއާރަކީ "އިހުތިރާމުގެ އުފާ – މުޖުތަމައުގެ ނަފާ" ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް، ރޭ ރަސްމީކޮށް އިފްތިތާހުކުރި މި މަޝްރޫއުގެ ކަންކަން ބަލަހައްޓަވާނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުންނެވެ





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.