ޤާސިމް މަރައިލި މައްސަލަ: އަދުހަމަށް އަދަބު ކަނޑައެޅުން މާދަމާ

ޓެކްސީއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރައިލި ޤާސިމްގެ މަރުގެ މައްސަލައިގެ ދަޢުވާ ލިބޭ އަދުހަމުގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފިއެވެ.
މި މައްސަލައިގައި އަދުހަމަށް އަދަބު ކަނޑައެޅުމަށްޓަކައި، މާދަމާ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ހެނދުނު 9:30 ގައެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ ޙުކުމް ކޮށްފައެވެ.
އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ޤާސިމް މަރައިލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
އަދުހަމް ވަނީ މީގެ ކުރިން ދަޢުވާއަށް އިޢުތިރާފްވެފައެވެ.
ނަމަވެސް ފަހުން އޭނާ ބުނެފައި ވަނީ އޭނާ އެކަންކުރީ ގަސްތުގައި ނޫން ކަމަށާއި، އެއީ އޭނާއަށް މަސްތުގެ ހާލަތުގައި ހުރެގެން ކުރެވުނު ކަމެއް ކަމަށެވެ.
މި މައްސަލައިގައި ޙުކުމް ކުރުމަށް ބޭއްވި ޝަރީއަތުގައި ގާޒީ ޢަލީ ނަދީމް ވަނީ، ޤާސިމަށް ހަމަލާދިން ވަޅި ސަބަބާ ބެހޭގޮތުން އެކި ފަހަރު އެކިގޮތަށް އަދުހަމް ތަހުޤީޤުގައި ވާހަކަ ދެއްކިޔަސް، ކޮންމެ ފަހަރަކު ވެސް ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފައެވެ.