ޚަބަރު ސިޔާސީ

ފޯޅަވަހި މައްސަލައިގައި މޮރިޝަސްގެ ސަމާލުކަން ރާއްޖެއަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މޮރިޝަސްގެ ފޮރިން މިނިސްޓަރު އަލަން ގަނޫ

ޗާގޯސް ނުވަތަ ފޯޅަވަހި މައްސަލައިގައި އަހަރުތަކެއް ވަންދެން ރާއްޖެއިން ގެންގުޅުނު ސިޔާސަތު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ބަދަލުކުރަން ނިންމީ ރިޝްވަތު ނަގައިގެންކަމަށް ދައްކަމުންދާ ވާހަކައަށް މޮރިޝަސްގެ ސަމާލުކަން ލިބިއްޖެއެވެ.

Ads by STELCO

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުން ފެށިގެން ސަރުކާރުތަކުން ގެންގުޅެމުން އައީ ފޯޅަވަހީގެ ބޭރުން އޮންނަ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ބައެއްކަން ގަބޫލުކުރުމުގެ ސިޔާސަތެވެ. އެ ކަނޑުގެ ސަރަހައްދު މޮރިޝަސްއާއި ފުށުއެރި ނަމަވެސް ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ބަދަލެއް ނުކުރެއެވެ.

ރައީސް ޞާލިހުގެ ސަރުކާރުން ވަނީ 200 މޭލުގެ އިގްތިޞާދީ ސަރަހައްދު ރާއްޖެއިން ދޫކޮށްލައި މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ. މިނިންމުމާއި ގުޅިގެން ސިޔާސީ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެގޮތުން ރާއްޖެއިން ބައެއް މޮރިޝަސްއަށް ދޫކޮށްލަނީ އެ ޤައުމުން ރިޝްވަތުގެ ގޮތުގައި ދިން 500 މިލިއަން ޑޮލަރު ޤަބޫލުކޮށްގެންކަމަށް ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މޮރިޝަސްގެ ފޮރިން މިނިސްޓަރު އަލަން ގަނޫ ވަނީ މިމައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވައިފައެވެެ. އޭނާ ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ވާހަކަ ފެނިވަޑައިގެންނެވީ ނޫސްތަކުން ކަމަށެވެ. އަދި އޭނާއަކީ ރާއްޖޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވޭ ފެންވަރުގެ ބޭފުޅެއް ނޫންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ފޯޅަވައްސާއި ގުޅޭގޮތުން ރާއްޖެއިން ނިންމި ނިންމުމާއިމެދު ކަންބޮޑުވުންތަކެއް ހުރިކަން އެނގިވަޑައިގެންނެވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި އެވާހަކަ ދެކެވުމުން ކަމަށްވެސް އަލަން ގަނޫ ވިދާޅުވިއެވެ.

ރާއްޖެ އާއި މޮރިޝަސް އިން ކޮންމެ ގައުމަކުން 200 މޭލުގެ އިގްތިސާދީ ސަރަހައްދެއް ކަނޑައެޅުމުން ފުރުއަރާ ސަރަހައްދު ބެހުމުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މާދަމާ ނިންމާނެއެވެ.

މި މައްސަލަ އިޓްލޮސް އަށް ނުބެލޭނެ ކަމަށް ރާއްޖޭން އައީ ވަކާލާތު ކުރަމުންނެވެ. އެއީ އެސަރަަހައްދަކީ މޮރިޝަސްގެ ބައެއްކަން ނުވަތަ އިނގިރޭސިވިލާތުގެ ބައެއްކަން ކަނޑައެޅިފައި ނެތުމުންނެވެ.

އިޓްލޮސްއިން މިމައްސަލައިގައި ކުރިއަށް ދާން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިކަމުގައި މޮރިޝަސްއާ އެއްކޮޅަށް މައްސަލަ ނިންމުމުންނެވެ. ފޯޅަވަހި މައްސަލަ މޮރިޝަސްގެ މީޑިއާގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!