ރައީީސް ޔާމީންގެ އަތްޕުޅު ބުރި ކުރަން ޝިފާޢު ގޮވައިލި މައްސަލަ ބަލަން އިދިކޮޅުން އެދިއްޖެ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީން ޢަބްދުލްޤައްޔޫމް އަތްޕުޅު ކެނޑުމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ގޮވައިލެއްވި ގޮވައިލެއްވުން ކުށްވެރިކޮށް އެކަން ތަހުޤީޤު ކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވައިލައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ގާތް ގުޅުމެއް އޮންނަ ޝިފާއު މިފަދައިން ގޮވައިލެއްވީ، މަޖިލީހުގެ ވަޓްސްއަޕް ގުރޫޕުގައި ޗާގޮސް މައްސަލައާ ގުޅިގެން މެންބަރުންގެ މެދުގައި ކުރެވުނު ބަހުސެއްގެ މެދު ތެރެއިން ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.
ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރަން ޖެހޭނެކަމަށް ވިދާޅުވުމުގެ އިތުރަށް އެމަނިކުފާނު އިތުރު 100 އަހަރަށް ޖަލަށްލާންޖެހޭ ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވަނީ މީގެ ކުރިން ވެސް ރައީީސް ޔާމީނަށް ނިސްބަތްކުރައްވާ މިފަދަ ބައެއް ވާހަކަތައް ދައްކަވައިފައެވެ.
އެކަން ކުށްވެރިކޮށް އިދިކޮޅު ކޯލިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަތްޕުޅު ބުރިކުރުމަށް ގޮވައިލެއްވި ގޮވައިލެއްވުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޢަމަލެއް ކަމަށެވެ. މި މައްސަލަ ލަސްކުރުމެއް ނެތި ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވައިލާ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޝިފާޢުއަކީ މި ސަރުކާރު ދިފާއުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށާއި މި ސަރުކާރަށް ތާޢީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން ރައީސް ޞާލިހުގެ ކެބިނެޓްގެ ބައެއް ވަޒީރުން ވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވައިލަން މަސައްކަތްކުރާކަން ފާހަގަވަމުންދާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޒާތީ ޓްވީޓެއްގައި އެމަނިކުފާނަށް އަނިޔާވެރިވާނޭކަމަށް ވަނީ ވިދާޅުވެފައިވާކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އަދި ރައީސް ޔާމީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ބަޔާނުގައި ވަނީ ގޮވައިލާފައެވެ.