ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެން އެ ކޯޓުން ބަލަމުން އަންނަ މައްސަލާގައި ހުކުމް ކުރުން މިރެއަށް ތާވަލުކޮށްފިއެވެ.
ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާއި އިތުރު ބައެއްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދަޢުވާއެވެ. ރައީސް ޔާމީންގެ އިތުރުން މި މައްސަލައިގައި ދައުވާކޮށްފައިވަނީ ރިޒާއެވެ. އޭނާ ވެސް ވަނީ ހެކިތަކާއި ގުޅޭ އިސްތިއުނާފު ހުށަހަޅާފައެވެ.
މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ނިމިދިޔަ ހަފްތާގެ ތެރޭގައި ދެ އަޑުއެހުން ބޭއްވުމަށް ފަހު މިއަދަށް ހުކުމް ކުރުން ތާވަލު ކުރި ނަމަވެސް، ކޯޓުގެ ޝެޑިއުލްގައި ހުކުމް ކުރުން ހިމަނާފައި ނުވެއެވެ. މިކަމާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމަށް ވެސް އެއްވެސް އެއްޗެއް ކޯޓުން އަންގާފައި ނުވެއެވެ.
ނަމަވެސް އެ މައްސަލައިގެ ހުކުމް އިއްވުން މިރޭ 8:15އަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ރިސޯޓެއްގެ ގޮތުގައި ރ.ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ދައުލަތުން ރައިސް ޔާމީންގެ މައްޗަށް ތުހުމަތުކުރެއެވެ.