ޚަބަރު ސިޔާސީ

ރިފްއަތު ދިފާޢު ކުރަނީ، ފިތުނަ އުފެއްދުމަށް ޖާގަ ނުދޭޭން: އިކްރާމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާއިރު، އޭޖީ ދިފާޢު ކުރަނީ، އިދިކޮޅުން، ޤައުމުގައި "ފިތުނަ އުފެއްދުމަށް" ހިންގާ ޖަރީމާތައް ކާމިޔާބުވިޔަ ނުދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މޮރިޝަސްއާ ރާއްޖޭގެ ފުށޫ އަރާ ކަނޑުގެ ސަރަޙައްދުގެ އިން ވަކި ކުރުމަށް އިޓްލޮސްއިން ނިންމި ނިންމުމާ ގުޅިގެން، ސަރުކާރާ ދެކޮޅަށް ހަރަކާާތްތެރިވާ ކޯލިޝަނުން ވަނީ، އޭޖީ ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.

އޭޖީއަށް ފުރިހަމަ އެއްބާރުލުން އެބައޮތް ކަމަށާއި، އޭނާގެ ދޮފާއުގައި އެމްޑީޕީ އޮންނާނެ ކަމަށް އެ ޕާޓީން ބުނުމުން، އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، އޭޖީ ދިފާއު ކުރަނީ، ސަރުކާރުގެ ވައްކަމާ ޚިޔާނާތުން ނާޖާއިޒު ފައިދާ ލިބޭ މަޖިލީހުގެ މެމްބަރުންނާއި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓުގައި ނަން އޮތުމުގެ ސަބަބުން ކޮމްޕްރޮމައިޒް ވެފައި ތިއްބެވި މެމްބަރުން ކަމަށެވެ.

"އެމްޑީޕީގެ ހުރިހައި އެމްޕީސް(މަޖިލިސް މެމްބަރުން)ރިފްއަތަށް އިތުބާރު ނުކުރާކަން، މަޖިލީހަށް ހުށަހެޅި ލިޔުމުން އެނގޭނެ." އާދަމް ޝަރީފުގެ ޓްވީޓުގައިވެއެވެ.

މި ޓްވީޓަށް ކުރެއްވި ކޮމެންޓެއްގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު އިކްރާމް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުން ރިފްއަތު ދިފާޢު ކުރައްވަނީ، ދުނިޔެ ޤަބޫލުކުރާ އުސޫލުތަކާ ޚިލާފަށް، އިދިކޮޅުން ޤައުމުގައި ފިތުނަ އުފެއްދުމަށް ހިންގާ ޖަރީމާތައް ކާމިޔާބުވިޔަ ނުދޭން ކަމަށެވެ.

ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެއްދުމުން، މިކަމާ ގުޅިގެން ނުރުހުން ފާޅުކޮށް، އެމްޑީޕީން  ނެރުނު ބަޔާނުގައި ބުނީ ރާއްޖެއާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގައި ދިވެހި ސަރުކާރުގެ ފަރާތުން ރިފްއަތު ވަކާލާތުކުރައްވާފައިވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ޤަބޫލުކުރާ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ޤައުމެއްގެ ގޮތުގައި ކަނޑައެޅި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ރިފްއަތުގެ ޓީމުން ދިވެހި ދަޢުލަތުގެ ޙައްޤުގައި ކުރެއްވި އިޙްލާސްތެރި އަދި ކާމިޔާބީ ހާސިލުވި މަސައްކަތެއް ކަމަށް ވެސް ބަޔާނުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!