އިސް ލީޑަރުގެ ޒިންމާ އަދާ ނުކުރައްވާ ކަމަށް ވިދާޅުވެ، ވައްޑޭގެ ފާޑު ކިޔުން ރައީސް ޞާލިހަށް!

ޕާޓީގެ އިސް ލީޑަރުގެ ޒިންމާ އަދާ ނުކުރައްވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑޭ)، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ފާޑުވިދާޅުވެއްޖެއެވެ.
ވައްޑޭ ވިދާޅުވީ ޕާޓީގެ އިސްލީޑަރު ޕާޓީ އެއްބައި ކުރަން، އެއްވެސް ކަމެއް ނުކުރާކަމަށާއި ފިޔަވަޅު އަޅަން ޖެހެނީ އިސް ލީޑަރަށް ކަމަށެވެ.
"އިސް ލީޑަރު ޕާޓީ އެއްބައިކުރަން އެއްކަމެއް ނުކުރޭ. ޕާޓީ އޮފީހަކަށް/ޖަގަހައަކަށް ވަދެނުލާ. ޤައުމީ މަޖިލިސް ޖަލްސާއެއްގައި ބައިވެރިވެނުލާ. ޕާޓީގެ ގުނަނަކާ މަޝްވަރާކޮށްނުލާ. ޕާޓީގެ ސިޔާސަތު ގަބޫލުނުކުރޭ. އެމްޑީޕީއަށްވުރެ އިސްކުރީ އެހެން ޕާޓީތައް. ފިޔަވަޅު އަޅަންވީ އިސްލީޑަރަށް." ވައްޑޭ ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ، ޕާޓީގެ މުހިންމު ބައެއް މެމްބަރުންނަށް ފިޔަވަޅު އެޅުމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމައިފައެވެ.
މިގޮތުން މެމްބަރު އަލީ އާޒިމް ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ޕާޓީން ވަކިކޮށްފައެވެ. މިއާއެކު ޕާޓީން ވަކި ކުރަން ޖެހެނީ ރައީސް ޞާލިހު ކަމަށް ރައީީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ދަނީ ބުނަމުންނެވެ.