ރޮޒައިނާ ނުނިކުންނެވުމުން މަޖިލީހުގައި ނެތް ކަމަށް ބަލާ ކުރިޔަށް ގެންދަނީ
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ނަން އިއްވުމުންވެސް މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިނުގަތުމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ނެތް ކަމަށް ބަލައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާ ކުރިއަށް ގެންދަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ 3 މެންބަރެއްގެ ނަން ވަނީ އިއްވާފައެވެ. އޭގެތެރޭގައި ހިމެނެނީ މެންބަރު ރޮޒައިނާ، މެންބަރު އަބްދުﷲ ޖާބިރު އަދި މެންބަރު އަބްދުލްމުގުނީއެވެ. ރޮޒައިނާ ފިޔަވާ ދެން ނަން އިއްވި ދެ މެންބަރުންވަނީ މަޖިލީހުގެ ތަޅުން ދޫކޮށް ގޮސްފައެވެ.
ރޮޒައިނާގެ ނަން އިއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ހުރަސް އަޅުއްވައި އަޑުގަދަ ކުރަން ފެއްޓެވުމުންނެވެ. ރޮޒައިނާ ހިތްހަމަ ނުޖެހުނީ އެމްޑީޕީގެ ވަގުތުގައި އެޕާޓީން ވަކިވެފައިވާ މެމްބަރުންނަށް ފުރުސަތުދޭ ކަމަށް ވިދާޅުވެއެވެ.
އެމްޑީޕީން 12 މެންބަރުން އަމިއްލައަށް ވަކިވުމުން ވެސް ރައީސް ނަޝީދު ވަނީ އެ ބޭފުޅުން އެމްޑީޕީގެ ދަފްތަރުން އުނިކުރަން ދެކޮޅު ހައްްދަވާފައެވެ. އަދި އެމްޑީޕީއަށް ލިބޭ ވަގުތުގައި އެބޭފުޅުން ވަނީ މަޖިލީހުގައި ވާހަކަ ދައްކާފައެވެ.
މިކަމާ ދެކޮޅަށް މަޖިލީހުގައި އަޑުގަދަ ކުރަން ފެއްޓެވުމުން ނަޝީދު ރޮޒެއިނާގެ ނަން އިއްވެވިއެވެ. ނަމަވެސް އޭނާ ތަޅުން ދޫކުރައްވައި ވަޑައިނުގަތުމުން ނަޝީދު ނިންމެވީ ރޮޒެއިނާ މަޖިލީހުގެ ތަޅުން ދޫކުރައްވަން ދެން ޖަލްސާ މެދުކަނޑާލުމަށެވެ.
މަޖިލިސް އަލުން ފެއްޓެވިއިރު ވެސް ރޮޒައިނާ އިންނެވީ މަޖިލީހުގައެވެ. އެކަމާ ގުޅިގެން ނަޝީދު ދެވަނަ ފަހަރަށް ރޮޒެއިނާގެ ނަން އިއްވެވިއެވެ. އެއަށް އަމަލު ނުކުރުމުން ރޮޒައިނާ ނެތް ކަމަށް ބަލާ މަޖިލިސް ކުރިޔަށް ގެންދަވަން ރައީސް ނަޝީދު ނިންމެވިއެވެ.
މީގެ ކުރިން މެންބަރުން ތަޅުން ދޫކުރަން ދެކޮޅު ހެއްދެވުމުން މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ނުވަތަ އެހެން މުއައްޒަފުން އައިސް މެންބަރުން ގަދަކަމުން ނެރެއެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެގޮތަށް ރޮޒައިނާ ނެރެން ބޭނުންފުޅު ނުވާކަމަށެވެ.
ރޮޒޭނާ ބޭނުންވީ އޭނަ ގަދަކަމުން ނެރުއްވަން. އޭރުން އަހަްހެނުންގެ ކަރާމާތޭ ފޫކޮޅޭ ކިޔޭނެތާ.ބޮޑު ބޮޅެއް