ޚަބަރު

އެމްވީރަންގެ ގިނަ ވަނަތަކެއް އައިލެންޑް ރަނަރސްގެ އެތުލީޓުންނަށް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ހުޅުމާލޭގައި އިއްޔެ ބޭއްވި އާރޯ އެމްވީރަންގެ ގިނަ ވަނަތަކެއް އައިލެންޑް ރަނަރސްގެ އެތުލީޓުން ހޯދައިފިއެވެ.

Ads by STELCO

5 ކިލޯ މީޓަރުގެ މި ދުވުމުގައި އައިލެންޑް ރަނަރސްގެ 9 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. މީގެ ތެރެއިން ހަ އެތުލީޓުން ވަނީ އެކި ވަނަތައް ހޯދައިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މުޅި ރަންގެ އެއްވަނަ ހޯދި ޔޫސުފް އިބްރާހީމެވެ. 16 މިނެޓާއި 14 ސިކުންތުން ރޭސް ނިންމައި އޭނާ ވަނީ މުޅި ރޭހުގެ ވެސް އެންމެ ރަނގަޅު ޓައިމިން ހަދައިފައެވެ.

މި އަހަރުގެ ދުވުމުގައި އެކި އުމުރުފުރާތަކުން ދެ ޖިންސް ވަކީން ވެސް މަގާމުތައް ހޮވައި ފައިސާގެ އިނާމު ދީފައިވެއެވެ. އެ ގޮތުން 20 އަހަރާއި 29އަހަރާ ދެމެދުގެ އުމުރުފުރާގެ ފިރިހެނުންގެ ބައިން 1ވަނަ ،2ވަނަ އަދި 3ވަނަ ވެސް ހޯދައިފައި ވަނީ އައިލެންޑް ރަނަރސްގެ އެތުލީޓުންނެވެ. އެއީ އެއްވަނަ ހޯދި ޔޫސުފް އިބްރާހީމާއި 17 މިނެޓާއި 07 ސިކުންތުން ރޭސް ނިންމައި ދެވަނަ ހޯދި އިރުފާން އަދި 18 މިނެޓާއި 3 ސިކުންތުން ރޭސް ނިންމައި ތިންވަނަ  ހޯދި މުޙައްމަދު ފަވާޒެވެ.

20އަހަރާއި 29އަހަރާ ދެމެދުގެ އުމުރުފުރައިން ވަނަ ހޯދި،ޔޫސުފް،އިރުފާން އަދި ފަވާޒް (ފޮޓޯ:ދުވަސް)

މި ތިން އެތުލީޓުންގެ އިތުރުން ވަނަ ހޯދި އަނެއް އެތުލީޓަކީ 30އަހަރާއި 39އަހަރާ ދެމެދުގެ ފިރިހެނުންގެ ބައިން ދެވަނަ ހޯދި ޝިފާޒެވެ. އޭނާ ރޭސް ނިންމައިފައި ވަނީ 17 މިނެޓާއި 26 ސިކުންތުންނެވެ. ޝިފާޒަކީ 10 ކިލޯ މީޓަރ، ހާފް މެރެތަން އަދި ފުލްމެރެތަންގެ ރާއްޖޭގެ ރެކޯޑް ހޯލްޑަރެވެ.

މި ދުވުމުގައި ވާދަކުރި އައިލެންޑް ރަނަރސްގެ އެތުލީޓުންގެ ތެރެއިން ވަނަ ހޯދި އަނެއް ދެ އެތުލީޓުންނަކީ 40އަހަރާއި 49އަހަރާ ދެމެދުގެ ފިރިހެނުންގެ ބައިން 2ވަނަ ހޯދި ޢަބްދުﷲ އިބްރާހީމާއި 3ވަނަ ހޯދި ޢަބްދުﷲ އިސްމާޢީލެވެ. އެ ދެ އެތުލީޓުންގެ ޓައިމިންއަކީ އަބްދުﷲ އިބްރާހީމް،19 މިނެޓާއި 19 ސިކުންތު އަދި ޢަބްދުﷲ އިސްމާޢީލް ، 19 މިނެޓާއި 45 ސިކުންތެވެ.

40 އަހަރާއި 49އަހަރުގެ އުމުރުފުރައިން ވަނަ ހޯދި އެތުލީޓުން(ފޮޓޯ:ދުވަސް)

އައިލެންޑް ރަނަރސްގެ މި ކާމިޔާބީއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އެ ކްލަބުގެ ކޯޗް ނަޞްރުﷲ އަޙުމަދު ބުނީ ރަމަޟާންމަހަށް ފަހުގައި ޓްރެއިނިން ހެދުނީ އެންމެ މަހެއްގައި ކަމަށާއި ޓްރެއިނިންއަށް ބަލައި ވަނަތައް ހޯދި އެތުލީޓުންނާއި ވަނަ ނުލިބޭ އެތުލީޓުން ހެދި ޓައިމިންތަކާ މެދުގައި ވެސް ހިތްހަމަޖެހޭ ކަމަށެވެ.

ޓީއެފްޖީއިން ރާވައިއިއްޔެ ބޭއްވި އެމްވީރަންއަކީ މި ސިލްސިލާގެ ދެވަނަ ރަންއެވެ. މި އަހަރުގެ ދުވުމުގައި 265 ދުވުންތެރިން ބައިވެރިވެފައި ވެއެވެ.

Ads by Allied Insurance
  1. ސަލީމު އަލީ

    ނަސްރު ކޯޗްހަމަ މޮޅީއޭދޯ؟ ސާބަހޭ ނަސްރުގެ ޓީމައް