އޮޑިޓު ރިޕޯޓުން ފާހަގަވި ކޮރަޕްޝަންތައް ތަހުގީގުކުރަން ރައީސް ޞާލިޙު އަންގަވައިފި
.ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސަރުކާރުން ކުރި ޚަރަދުތަކާއި ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުތަކުގައި ފެންމަތި ކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އަންގަވައިފިއެވެ.
ކޮވިޑްގެ ހާލަތާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީން މަކަރާއި ޚިޔާނާތުން އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްފައިވާކަން، އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތު ސޮއި ކުރައްވާ އިއްޔެ އާއްމު ކުރެއްވި ކޮމްޕްލަޔަންސް އޮޑިޓުން ވަނީ އާއްމުވެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދް އާއި ހަވާލާދީ އޮންލައިން ނޫސް "ސަން" އިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީން ކުރި ޚަރަދުތަކުގެ ތަހުގީގު ކުރަން އޭސީސީ އަށް ރައީސް ޞާލިޙު އެންގެވި ކަމަށާއި، ހެލްތުން ފާހަގަ ކުރެވުނު ކަންކަން ތަހުގީގު ކުރަން ފުލުހުންނާއި އޭސީސީއަށް ރައީސް އެންގެވި ކަމަށެވެ.
"ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓު ރިޕޯޓުގެ ކޮރަޕްޝަންގެ މައްސަލަ ބަލަން ހަވާލުކުރީ އޭސީސީއާ އެކަނި. އެކަމަކު ހެލްތު މިނިސްޓްރީގެ އޮޑިޓުގެ މައްސަލަ ބަލަން ހަވާލުކުރީ ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގާ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި،" ހޫދު ވިދާޅުވެފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ މައްސަލަ ބަލަން ހަމައެކަނި އޭސީސީ އާއި ހަވާލުކުރެއްވި ސަބަބު ހޫދުއަށް އެނގި ވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ތަހުގީގުތައް ކުރިއަށްދާ ވަރަކަށް މިކަމުގައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ހޫދު ވިދާޅުވި ކަމަށް ވެސް އެނޫހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މިކަމާއި ގުޅިގެން ސަރުކާރުން ވަރަށް އަވަހަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވެއެވެ. އެހެންނަމަވެސް އެފިޔަވަޅުތަކުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.