އެއްވެސް މީހަކަށް ހަމަލާދޭކަށް ނޫޅެން, ބަލިކުރާނީ އަބަދުވެސް ވޯޓުން: ނިޔާޒު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން ނޫޅުއްވާ ކަމަށާއި ބަލި ކުރާނީ ވޯޓުން ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނަށް އިންޒާރު ދޭކަމަށްބުނެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާންމު ކުރެއްވި ވީޑިއޯއާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ނިޔާޒު ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަކީ ކުޅިވަރު ކުނުޅު މީހެއް ކަމަށެވެ. އަދި ކުޅިވަރުގައި ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން އޮންނަކަން ކަމަށެވެ. ނިޔާޒު ވިދާޅުވީ ކޮންމެ ފަހަރަކު މޮޅެއް ނުވާނެ ކަމަށާއި ބަލިވާ ފަހަރު ބަލިޤަބޫލް ކުރަންވާނެ ކަމަށެވެ.
”އެއީ ވެސް ރީތި ސިފައެއް. އެއްވެސް މީހަކަށް ހަމަލާދޭކަށް ނޫޅެން. ބަލިކުރާނީ އަބަދުވެސް ވޯޓުން” ނިޔާޒު ވިދާޅުވިއެވެ.
މަޖިލިސް ކުރާ ގޭގެ ގޯތި ތެރޭގައި ނަގާފައިވާ އެ ވީޑިއޯ ރޮޒައިނާ އާންމު ކުރެއްވީ ޓުވިޓާގައެވެ. އެވީޑިއޯގައި ފެންނަނީ ރައީސް ނަޝީދު އަވަސް ހިނގުމެއްގައި ވަޑައިގެން މެމްބަރު ނިޔާޒަށް އިނގިލި ދިއްކުރައްވައި ކޮންމެވެސް ވާހަކައެއް ވިދާޅުވާ މަންޒަރެވެ. މި ވީޑިއޯއާއި ގުޅިގެން ރައީސް ނާޝީދަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.