ހައިކޯޓުގެ އިސް ފަނޑިޔާރު އިސްތިއުފާ ދެއްވައިފި
ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާން، ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޝުޖާއު އުޘްމާން ފަަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، އޭނާ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައި ވަނިކޮށެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވައި ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ޖޭއެސްސީގެ މެމްބަރުންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ އާދައިގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި، ސިޔާސީ ފިކުރާ ޒާތީ ޙަސަދަވެރިކަމާއި އަނިޔާވެރިކަމުގެ އިތުރުން އަމިއްލަ މަސަލަޙަތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރުމަށްވުރެ ހެޔޮ ނިޔަތުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު އަދާކުރަން ޖެހޭ މުހިއްމު މަސްއޫލިއްޔަތްތައް ކަމަށެެވެ.
ނަމަވެސް ޖޭއެސްސީގެގެ މެމްބަރުންގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޒާތީ ހަސަދަ ވެރިކަމާއި ބަދަލު ހިފުމުގެ ރޫޙު ކަމަށާއި މީގެ އެއް މިސާލަކީ ފަނޑިޔާރުން ރިޓަޔަރ ކުރުމުގެ އުޞޫލަށް ބަދަލު ގެނެސް ފަނޑިޔާރުން ރިޓަޔަރ ކުރުމުގެ ފުރުޞަތު ހަނިކުރުން ކަމުގައި ޝުޖާއުގެ ބަޔާނުގައި ވެއެވެ.
ޢުމުރު ދުވަހު ކުރި މަސައްކަތުން ދުރަށް ދާންޖެހޭ ޙާލަތުގައި ރިޓަޔަރ ކުރުމުގެ ހައްޤުން މަހުރޫމު ކުރުމަކީ ކޮމިޝަނުގެ މެމްބަރުން ފަނޑިޔާރުންގެ ޙައްޤުތަކަށް ނުބައި ނިޔަތުގައި އަރައިގަތުމަށް ހިންގާފައިވާ ޣައިރު ޒިންމާދާރު ޢަމަލެއްކަމުގައި އަޅުގަނޑު ދެކެމެވެ". ޝުޖާއު ވިދާޅުވިއެވެ.
"އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި، އަޅުގަނޑު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރަން ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމި އެންމެ ބޮޑު އެއްސަބަބަކީ، އަޅުގަނޑު ފަނޑިޔާރުކަމުގެ މަޤާމުގައި ހުރެ ވަކިފަރާތަކަށް ބެލުމެއް އަދި އެއްވެސް ފަރާތެއްގެ ނުފޫޒަށް ޖެހިލުމެއް ވެސް ނެތި ހަމަހަމަކަމާއެކު ނިންމި ނިންމުން ތަކެއެވެ. މިމަޤާމުގައި ދެމިހުރުމަށް އެއްވެސް ޙާލެއްގައި އެހެން ސަބަބެއް މެދުވެރިވީ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވެއެވެ.". ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.