ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މަޝްވަރާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވި ނަމަވެސް އެމުއާމަލާތާއި ގުޅިގެން އަދީބާއި ބައްދަލު ނުކުރާކަމަށާއި އެކަން އޭސީސީގެ ސަމާލުކަމަށް ގެނައީވެސް އޭނާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ބޮންޑޭ ވިދާޅުވީ އޭނާގެ އެކައުންޓަކުން ފުއްގިރިއަށް ދެއްކި ފައިސާ (ކޮރޮސްޗެކް ) އެސްއޯއެފްގެ އެކައުންޓަށް ސަރުކާރުން ޖަމާކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ސަރުކާރުން ހިޔާނަތްތެރިވި ކޮރަޕްޝަންގެ މައްސަލަ 2016 ވަނަ އަހަރު އޭސީސީގެ ސަމާލުކަމަށް ގެނެސް އެކަން ވާނީ ބަޔާންކޮށްދީފައި ކަމަށެވެ.
"މިވަގުތު ސަރީއަތުގަައި ކުރިއަށްދާ ފުއްގިރީގެ މައްސަލައިގައި އެ ބަޔާނަކީ ސަރުކާރުތެރޭން ބަޔަކު ކޮރަޕްޝަން ހިންގިކަމުގެ ކިތާބީ ހެއްކެކެވެ.އަދި އެފައިސާއަކީ ދައުލަތުގެ ފައިސާކަން ޔަގީން ކޮށްދިނުމަށްޓަކައި އޮޑިޓަރ ޖެނެރަލްއަށް އޭސީސީ މެދުވެރިކޮށް ސިޓީއެއްވެސް ވާނީ ހަވާލުކޮށްފައެވެ. ޢެއީވެސް ކިތާބީ ހެއްކެކެވެެ." ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ އިތުރަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއަށް ސަރުކާރުން ހިޔާނާތްތެރިވަމުންދާކަން ރައްޔިތުންނަށް ތިލަކޮށްދިނުމަށްޓަކައި ހަމަ އެދުވަސްވަރު މީޑިއާތަކުގައި ވެސް އެކިފަހަރު މަތީން ތަކުރާރުކޮށް މިވާހަކަތަައް އޭނާއަށް ވާނީ ދެއްކިފައިކަމަށެވެ.
ފުއްގިރި މައްސަލައިގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި އިއްޔެ ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވެފައިވަނީ ފުއްގިރި ކުއްޔަށް ހިފި ކުންފުނީގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އެ ބައްދަލުވުމުގައި މެންބަރު ރަޝީދު ބައިވެރިވެވަޑައިގަތީ ކޮން ހައިސިއްޔަތަކުންތޯ، ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ސުވާލު ކުރެއްވިއެވެ. އެ ސުވާލުގެ ޖަވާބުގައި އަދީބު ވިދާޅުވީ ބޮންޑެ ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓެޓިވް ނުވަތަ މަންދޫބެއްގެ ގޮތުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ރަށުގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެއްބަސްވި އަގަކީ 2.5 މިލިއަން ޑޮލަރެވެ. ނަމަވެސް ކްރިކް ރިޒާ މެދުވެރިކޮށް ފަހުން ގެންދިޔަ މަޝްވަރާތަކަށް ފަހު ހަތަރު ލައްކަ ޑޮލަރަށް ތިރިކުރަން ވެސް އެދުނު ކަމަށް އަދީބު ވިދާޅުވިއެވެ.