ޚަބަރު

ފުއާދު ވިދާޅުވީ ޑިމޮކްރެޓްސްގެ ރަޖިސްޓްރީ މިއަދު ހަވާލު ކުރާނެ ކަމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އަލަށް އުފެެއްދި ޕާޓީ “ދަ ޑިމޮކްރެޓްސް”ގެ ރެޖިސްޓްރީ މިއަދު ހަވާލު ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑިމޮކްރެޓްސްގެ ރެޖިސްޓްރީ ދޫނުކޮށް އިލެކްޝަން ކޮމިޝަނުން ލަސްކުރާތީ އެ ޕާޓީގެ މެމްބަރުން މިއަދު ވަނީ ކޮމިޝަނަށް ވަޑައިގެންފައެވެ. އެ ޕާޓީ އުފެއްދެވުމުގައި މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ޕާޓީ ރެޖިސްޓްރީ ކުރުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބެންދެން އިލެކްޝަންގެ މަޑުކޮށްގެން ތިބޭނެ ކަމަށެވެ.

މިކަމާއި ގުޅިގެން ފުއާދު ވިދާޅުވީ ރަސްމީ ގަޑީގައި ރެޖިސްޓްރީ ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރެއްވި ނަމަވެސް ލަސްވަނީ ފޯމުތަކުގައި މައްސަލަ އުޅޭތީ ކަމަށެެވެ. އަދި މިރޭ 8:00 ގެ ކުރިން ރެޖިސްޓްރީ ހަވާލު ކުރެވޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބަޔާންކުރާ ގޮތުން ޕާޓީ ރަޖިސްޓްރީކުރުމަށް 3000 މެންބަރުންގެ ސޮއި ހޯދައި އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހެއެވެ. ޕާޓީ އުފެއްދުމަށް ދަ ޑިމޮކްރެޓްސް އިން ހުށަހެޅީ 3560 ފޯމާއިއެކުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!