ޚަބަރު ސިޔާސީ

ޖަވާބު ލިބުނީ އަލީ ޒާހިރުގެ ފަރާތުން، ރައީސަކީ ކާކުކަން ސާފެއް ނުވޭ: އިދިކޮޅު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިދިކޮޅު ކޯލިޝަން
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ރާއްޖޭގައި ހިނގަމުން އަންނަ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލުކުރަން އެދި ފޮނުވި ސިޓީއަށް ޖަވާބު ލިބުނީ ޗީފް އޮފް ސްޓާފް އަލީ ޒާހިދުގެ ފަރާތްޕުޅުން ކަމަށާއި ގައުމުގެ ރައީސަކީ ކޮން ބޭފުޅެއްކަން ސާފު ނުވާކަމަށް އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

Ads by MWSC

އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައީސް ޞާލިހާއި ބައްދަލު ކުރެއްވުމަށް ރައީސް އޮފީހަށް ވަޑައިގެންނެވުމުން ރަސްމީކޮށް އެކަމަށް އެދިފައި ނުވާކަމަށް އެ އޮފީހުން ބުންޏެވެ. އެހެންނަމަވެސް ކުރިން ސިޓީ ފޮނުވާފައިވާނެކަމަށް އިދިކޮޅުން ބުންޏެވެ. އިއްޔެ އަނެއްކާވެސް ސިޓީއެއް ހުށަހަޅަން އެދުމުން އިދިކޮޅުން ވަނީ ރައީސް އޮފީހުގައި ތިބެ އަތު ލިޔުމުން ލިޔެ ސިޓީއެއް ހުށަހަޅައިފަ އެވެ.

އެ ސިޓީގެ ޖަވާބު ދީފައިވަނީ ޗީފް އޮފް ސްޓާފް، އަލީ ޒާހިރެވެ. އެ ސިޓީގައި ބުނެފައިވަނީ ރައީސް ޔާމީނު ޖަލުގައި ހުންނެވީ ޝަރުޢީ ކޯޓަކުން ކުރި ހުކުމަކާ ގުޅިގެންކަމަށާއި، އެފަދަ މައްސަލައަކާމެދު ރައީސްއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަކީ ރަނގަޅުކަމެއް ނޫންކަމަށެވެ. އަދި އެކަން އިދިކޮޅު ލީޑަޝިޕް ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ޞާލިހު ދެކެވަޑައިގަންނަވާކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

އެ ސިޓީއާއި ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއްގެ އެންމެ ބާރުގަދަ ދެ ފަރާތަކީ ސަރުކާރު ހިންގާ ފަރާތާއި ސަރުކާރު ޖަވާބުދާރީކުރުވަން އޮންނަ ޕާޓީ ކަމަށެވެ. އެހެންކަމުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން އިދިކޮޅު ޕާޓީން ކޮންމެ ކަމަކާ ގުޅިގެން ނަމަވެސް ސަރުކާރު ހިންގާ ފަރާތާ ބައްދަލުކުރަން އެދުމުން ބައްދަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަލީ ޒާހިރު ދެއްވި ޖަވާބު ރައީސް ޞާލިހު އިދިކޮޅާއި ބައްދަލު ކުރައްވައި ދެއްވިނަމަ ރައްޔިތުންގެ ކުރިމަތީގައި އޭގެ ބުރަދަން ބޮޑުވާނެކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބެހެއްޓުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ހުރަސްއެޅޭ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅިފައިވާ މިފަދަ ދަނޑިވަޅެއްގައި މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ރައީސް ޞާލިހަށް ކެރިވަޑައިނުގެންނެވީ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ރައީސް ޞާލިހާއި ގުޅުން އޮތް ކަމެއް ނޫންކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އަދި އެމަނިކުފާނު މިނިވަން ކުރާނީވެސް ކޯޓު މެދުވެރިވެގެން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީން ޖަލަށް ލައިގެން އުޅެނީ ސިޔާސީ ބޭނުމަށްށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ސިޔާސީ ދައުވާތަކެކެވެ. ޖަލަށް ލުމަށް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީވެސް ހަރާމް ހުކުމެއްކަމަށް އިދިކޮޅުން ދެކެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!