ޚަބަރު އިޖުތިމާޢީ

ހިޔާގެ އެއްކޮށްލި ދެ އެޕާޓްމަންޓު އަލުން ރާނާތީ އަތުނުލާން ނިންމައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދެ އެޕާޓްމެންޓެއް އެއްކޮށްލައިގެން ހިޔާގައި ހަދާފައިވާ ބޮޑު އެޕާޓްމެންޓު. މިތަން ވަނީ ލަގްޝަރީ ފެންވަރަށް ތަރައްގީކޮށްފައި

ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމެންޓު އަލުން ރާނާތީ އަތުނުލާން އާބަންކޯއިން ނިންމައިފިއެވެ.

Ads by MWSC

ހިޔާ ފްލެޓު ދޫކުރާއިރު އެތަނުގެ ފާރުތައް ތަޅާ ހެދުމަކީ މަނާ ކަމެއްކަން އެއްބަސްވުމުގައި ވަނީ ބަޔާންކޮށްފައެވެ. މި އެއްބަސްވުމާއި ހިލާފަށް ފާރު ތަޅާލައި ދެ އެޕާޓްމެންޓު އެއްކޮށްލައިގެން އުޅޭކަމުގެ މައުލޫމާތު އާބަންކޯއަށް ލިބިގެން ފްލެޓު ހުސްކޮށް އެތަނުން ނިކުންނަން 14 ދުވަހުގެ ނޯޓިސްއެއް ދިނީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ.

ފްލެޓު ހުސްކުރަން އެންގުމުގެ އިތުރުން އެއްކޮށްލި ދެ ފްލެޓުގެ ވެރިފަރާތް ވަނީ 100،000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ. އަދި 14 ދުވަހުގެ މުއްދަތު ހަމަވުމުން ވެރިފަރާތް އަތުން ދެ ފްލެޓުވެސް އަތުލައި އެއްބަސްވުން ބާތިލްކުރަން އާބަންކޯއިން އޮތީ ނިންމައިފައެވެ.

އެހެންނަމަވެސް ވެރިފަރާތުން ވަނީ ފާރު އަލުން ރޭނުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދޭން އެދިފައެވެ. އާބަންކޯއިން މިމަހުގެ 7 ވަނަ ދުވަހު ވަނީ ހަފްތާއެއްގެ ތެރޭގައި ފާރު ރާނައި ނިންމަން ވެރިފަރާތަށް އަންގައިފައެވެ.

އާބަންކޯއިން މިއަދު ބުނީ ދެ ފްލެޓު ވަކިކުރާ ފާރު އަލުން ރޭނުމުގެ މަސައްކަތް ވެރިފަރާތުން މިހާރު ފަށާފައިވާ ކަމަށެވެ. އެހެންވެ ފްލެޓު އަތުނުލަން ނިންމާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ.

ޖޫރިމަނާ 100،000 ރުފިޔާ ދައްކަން އާބަންކޯއިން ވެރިފަރާތަށް އެންގީ 30 ދުވަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ލުއި ގޮތެއް ހަމަޖައްސައިދިނުމަށް ވެރިފަރާތުން އެދުނެވެ.

އާބަންކޯއިން ބުނީ ޖޫރިމަނާ ފައިސާ ދެއްކުމާއިމެދު ގޮތެއް ނިންމާނީ ފާރު ރާނައި ނިމުމުން ކަމަށެވެ.

އެއްކޮށްލި ދެ އެޕާޓްމެންޓު ވަނީ ލަގްޝަރީ ފެންވަރަށް ތަރައްގީކޮށްފަ އެވެ. އެތަނަށް ވަން ބައެއް މީހުން ބުނާ ގޮތުގައި އެތަނަށް ކޮށްފައިވާ ހަރަދު 600،000 ރުފިޔާއިން މައްޗަށް އަރާނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެޕާޓްމެންޓުގައި ދިރިއުޅެނީ ހިޔާ ޔޫނިއަންގެ ނައިބު ރައީސް އަހުމަދު ޝަމާލްއާއި އޭނާގެ އާއިލާއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!