މިއަދަކީ ހިތާމަވެރި ދުވަހެއް، ރައީސް ނަޝީދަށް ކާމިޔާބީއަށް އެދެން: ފައްޔާޒު

މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި ރައީސް މުހައްމަދު ނަޝީދަށް ކާމިޔާބީއަށް އެދޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު އެމްޑީޕީން ވަކިވެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަތުލިޔުމުން ލިޔުއްވާފައިވާ ސިޓީއެއް ރައީސް ނަޝީދު ޓްވީޓާގައި ހިއްސާކުރައްވާފައިވާއިރު އެ ސިޓީގައި ބުނެފައިވަނީ އެމްޑީޕީން ވަކިކެވަޑައިގަތުމަށް ނިންމެވީ "ރާއްޖޭގައި މި ވަގުތު ކަންކަން ހިނގަމުންދާ ގޮތަށް" ބެއްލެވުމަށް ފަހު ކަމަށެވެ.
“އަޅުގަނޑު ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭތީ، އަޅުގަނޑު ތިޔަ ޕާޓީން ވަކިވި ވާހަކަ ދެންނެވިން،" ރައީސް ނަޝީދު ލިޔުއްވާފައިވެއެވެ.
މިކަމާއި ގުޅިގެން ފައްޔާޒު ވިދާޅުވީ އެމްޑީޕީއާއި އޭނާގެ ނަމުގައި ރައީސް ނަޝީދަށް ހެޔޮ ރަޙްމަތާއި ކާމިޔާބީ އަށް އެދޭ ކަމަށެވެ. އަދި މިއަދަކީ ހިތާމަވެރި ދުވަހެއް ކަމަށާއި އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތާއި، ރައީސް ނަޝީދުގެ ލީޑަރޝިޕްގައި ހޯއްދެވި ކާމިޔާބީއަށް ޝުކުރު ދަންނަވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.