މަޖިލީހުގައި ތަޅު އެޅުވީ އެމްޑީޕީން: ޤާސިމް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި ޑެޑްލޮކަކަށް ގެންދިޔައީ އެމްޑީޕީން އިސްވެ ކަަމަށާއި, އެކަމުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނަންގަވަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޤާސިމް މިހެން ވިދާޅުވެފައިވަނީ, މިއަދު ޕެރަޑައިސްގައި އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.
މަޖިލީހުގެ މަސައްކަތް ހުއްޓިފައިވަނީ, އެމްޑީޕީން މަޖިލީހުގެ ރައީސް, އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމާއި ގުޅިގެންނެވެ. ނަޝީދާއި އީވާ ވަނީ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަން އުޒުވެރިވެވަޑައިގެންފައެވެ.
"އެމީހުންނަށް ނޭނގޭތަ ރައީސް އާއި ނައިބު ރައީސްގެ ނޯ ކޮންފިޑެންސް ވޯޓު ލީމާ ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަށް ދާނެކަން" ޤާސިމް ވިދާޅުވީ މިކަން ކޮށްފައިވަނީ ރައީސް ޞާލިޙްގެ ޕާޓީން ކަމަށާއި, އެހެންކަމުން އެކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހޭނެ ކަމަށެވެ.
"ޤާނޫން އަސާސީ ނުބަލާތަ ތިބީ, ޤަވާއިދުތައް ނުބަލާތަ އޮތީ. ބަލަ އެހެންކަަމަށް ވިޔަސް ދައުލަތުގެ ތިން ބާރުން އެއްބާރު ޑެޑްލޮކަށް ނުގެންދެވޭނެ. ރައީސުލްޖުމްހޫރިއްޔާ ޖެހޭނެ އެ ޒިންމާ އުފުލަން. އެކަން ނުކުރެވޭނެ. އެއީ ރަނގަޅު މިސާލެއް ނޫން"
ޤާސިމްގެ ސީދާ ފާޑު ކިޔުން ރައީސް ޞާލިޙަށް އަމާޒުކުރެއްވިއިރު, މި ސަރުކާރުގެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީ އަދިވެސް އެބައޮތެވެ. ޕާޓީގެ ބައެއް ފަރާތްތައް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި އެބަތިއްބެވެ. ނަމަވެސް ޤާސިމް ވަނީ ކޯލިޝަން އޮތް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.




.jpeg?prefix=media)


ކޮމެންޓް