ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
ފުލުހުން ހިނގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫސިޓީ ހިތަދޫއަށް ބަނގުރާ އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ފުޅިތަކަކާއެކު ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައިވަނީ 43 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ޖޫން 27 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް އޭނާ އެވަގުތު ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު 50 ފުޅި ބަނގުރާ ފެނިފައިވާ ނަމަވެސް މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، މި ޖޫން މަހުގެ 25 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ހިތަދޫ ވަލުތެރެއިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށާއި މި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މި އޮޕަރޭޝަންތަކަކީ އީދު ބަންދަކީ ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ހޭދަކުރެވޭނެ އީދަކަށް ހެދުމަށާއި ބަނގުރަލުގެ މައްސަލަތައް ހުއްޓުވުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ.