ރިޔާސީ އިންތިޚާބު 2023: ކޮންމެ ކެންޑިޑޭޓެއްވެސް އިންތިޚާބާ ބެހޭ ހަރަދުތައް ކުރުމަށް އައު ބޭންކް އެކައުންޓެއް ހުޅުވަންޖެހޭނެ
އަންނަ ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓެއްގެ އިންތިޚާބާ ގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އެކަމަށް ޚާއްޞަކުރާ ބޭންކް އެކައުންޓެއް (އަލަށް ހުޅުވާ އެކައުންޓެއް) ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި، ކެންޑިޑޭޓުގެ ނަމުގައި، ހުޅުވަންވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކޮންމެ ކެންޑިޑޭޓަކުވެސް، އިންތިޚާބާ ގުޅިގެން ކުރާ އެންމެހައި ޚަރަދެއް ކުރަންވާނީ، އަލަށް މި ހުޅުވާ ބޭންކް އެކައުންޓް މެދުވެރިކޮށް ކަމަށާއި އަދި ކެންޑިޑޭޓަށް އިންތިޚާބާ ގުޅިގެން، ލިބޭ އެންމެހައި ފައިސާގެ އެހީވެސް ޖަމާކުރަންވާނީ، އަލަށް ހުޅުވާ މި އެކައުންޓަށް ކަމަށެވެ.
"މި ފަދަ އެކައުންޓެއް ކެންޑިޑޭޓުންނަށް ޚާއްޞަކޮށްގެން، ފަސޭހައިން ހުޅުވޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އީސީ އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާ އެކީގައި މަޝްވަރާ ކުރައްވާފައި. އަދި ބޭންކްތަކާ ވާހަކަ ދައްކަވައިގެން، އެ އިންތިޒާމް ހަމަޖައްސަވައިދެއްވާނޭކަމުގައި ވެސް ވަނީ ވިދާޅުވެފައި." ހަބީބް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް 4 ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވި ގޮތުގައި އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިޚާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިޚާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.