ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ ޝަރީޢަތް: ކްރިކް ރިޒާ ބަލިވެއުޅޭތީ މިއަދުގެ އަޑުއެހުންވެސް ކެންސަލް!

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކްރިކް ރިޒާ ބަލިވެ އުޅޭތީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވި ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތް ޝަރީޢަތްވެސް ކެންސަލްކޮށްފިއެވެ.

Ads by STELCO

މިއަދުގެ އަޑުއެހުން ތާވަލުކުރިއިރު، ކްރިކް ރިޒާ ބަލިވެ އުޅޭތީ ސިއްޙީ ލިޔެކިޔުންތަކާއެކު، މިއަދުގެ ޝަރީޢަތަށްވެސް ހާޒިނުވެވޭނެކަމަށް ކޯޓަށް ވަނީ އަންގައިފައެވެ.

މިއީ މި މައްސަލައިގެ ޝަރީޢަތް ޖެހިޖެހިގެން ކެންސަލްކުރި ފަސްވަނަ ފަހަރުކަން ފާހަގަކުރެވެއެވެ.

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައެވެ. މިމައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކޮށްފައިވަނީ އަޙުމަދު ކްރިކް ރިޟާގެ މައްޗަށާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

މި މައްސަލައިގައި ޝަރީޢަތް މިހާރު ކުރިއަށް ގެންދަނީ ދައުލަތުން ހުށަހަޅާ ހެކިވެރިންގެ ހެކިބަސް ނެގުމަށްކަމަށްވާއިރު، ޢީދު ބަންދުގެ ކުރިންވެސް މި މައްސަލައިގެ ދެ އަޑުއެހުމެއްވެސް ވަނީ ކްރިކް ރިޒާ ބަލިވެއުޅޭތީ ކެންސަލްކޮށްފައެވެ.

ޢީދު ބަންދަށްފަހު ސަރުކާރު ހުޅުވިގެން އައުމާއެކު ޖުލައި 2 އަދި 4 ވަނަ ދުވަހުވެސް މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރެވުނު ނަމަވެސް، އެ ދެ ދުވަހުގެ އަޑުއެހުންވެސް ވަނީ ކްރިކް ބަލިވެ އުޅޭތީ ކެންސަލްކޮށްފައެވެ.

މި މައްސަލައިގައި، މިހައިތަނަށް ދައުލަތުން ހުށަހެޅި ހަ ހެއްކެއްގެ ހެކިބަސް ނެގިއިރު އޭގެ ތެރޭގައި ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތު ހިމެނެއެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މޭސްތިރިންނެވެ.

ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގަމުންދާއިރު، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި، ޔާމީން މިހާރު ވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

އެމަނިކުފާނަށް އިއްވި ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، ހައި ކޯޓުގައި ހިނގާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މާދަމައަށްވަނީ ތާވަލުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!