Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވިލިމާލެ ފެރީއާއި ފެރީ ޓާމިނަލް ވެސް އޭސީ ކުރަނީ!

ވިލިމާލެ ފެރީއާއި ފެރީ ޓާމިނަލް ވެސް އޭސީ ކުރަނީ!

ވިލިމާލެ ފެރީއާއި ފެރީ ޓާމިނަލް ވެސް އޭސީ ކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގައި ވިލިމާލޭ ދާއިރާ ތަމްސީލު ކުރައްވާ ނަހުލާ އަލީ "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ވިލިމާލެ ފެރީއާއި ފެރީ ޓާމިނަލް އޭސީކުރުމަށް ނިންމައިފައިވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ، އުއްމީދަކީ މި މަސައްކަތް ފައްޓަވައި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ލަނޑުދަނޑިއަށް ވާސިލު ވެވޭނެވަރު ވުން ކަމަށެވެ. އަދި މި މަސައްކަތާ ގުޅިގެން ސިޓީ ކައުންސިލުން އެމްޓީސީސީއާ އެކު ވަރަށް އަވަހަށް މަޝްވަރާ ފަށާނެކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ވިލިނގިލީ ފެރީއާއި ޓާމިނަލް އޭސީ ކުރުމުގެ އިތުރުން އިތުރު މަސައްކަތްތަކެއް ކުރެވުމަށް ވެސް ނިންމަވައިފައިވާ ކަމަށާއި، އެެގޮތުން މަސް މާރުކޭޓަކާއި، ލޯކަލް މާރުކޭޓެއް ވިލިމާލޭގައި ތައްޔާރު ކުރަން ނިންމަވައިފައިވާ ކަމަށް ނަހުލާ ފާހަގަ ކުރެއްވިއެވެ. ނަހުލާ ވިދާޅުވީ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކުން މާރުކޭޓަށް މަސް ގަންނަން ވެސް މިހާރު ދާން ޖެހެނީ ކަނޑު ހުރަސްކޮށް މާލެއަށް ކަމަށާއި މިއީ ވިލިމާލެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައެވެ.

އަދި މިހާރު ވިލިމާލޭގައި މަދިރި ގިނަ ވުމުގެ ސަބަބުން ގަވައިދުން ފޮގް ކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށާއި، ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވެފައި ބަލި ފެތުރިޔަ ނުދިނުމަށް ކުރައްވާ ކަމެއް ކަމުގައި ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ވިލިމާލެ މިސްކިތްތައް ހުރުމަތްތެރިކޮށް ބެލެހެއްޓުމަކީ ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރައްވަމުން އަންނަ ކަމެއް ކަމަށާއި، މިހާރު އެ މަސައްކަތް ފެށި، ކުރިއަށް އޮތް ހަފްތާގައި މިސްކިތްތައް މަރާމާތުކޮށް ކުރަން ހުރި މަސައްކަތްތައް ނިންމައިލެވޭނެ ކަމުގައި ދެކިލައްވާ ކަމަށް ވެސް ނަހުލާ ފާހަގަ ކުރެއްވިއެވެ.

އަދި މި ހުރިހާ މަސައްކަތެއް ވެސް ކުރައްވަމުން ގެންދަވަނީ މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު، ވިލިމާލެ ރައްޔިތުންނާ ވީހާ ވެސް ގާތުން ކަމުގައި ވެސް ނަހުލާ ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް