ޚަބަރު

މިނިވަންދުވަހާ ދިމާކޮށް ކުޅުދުއްފުށީގައި މިފަހަރު އަސްލަށްވެސް ހަވާ އަރުވަނީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: މީޑިއާ

މިނިވަންދުވަހާ ދިމާކޮށް ހދ. ކުޅުދުއްފުށީގައި އަސްލަށްވެސް ހަވާ އަރުވަން ނިންމައިފިއެވެ.

Ads by Sosun Fihaara

މިދިޔަ ބޮޑު ޢީދުގައި، ކުޅުދުއްފުށީގައި "ހަވާ" އަރުވާނެ ކަމަށް ބުނެ، އެރަށުގައި ދިރިއުޅޭ 10،000 ވަރަކަށް މީހުންނަށް ދަޢުވަތު ދީ، އެ ގަޑި އަށް އެންމެން ދިޔައިރު ހަވާ ގެ ބަދަލުގައި ފެނުނީ ފަހަރަކު ވަލެއް މައްޗަށް ނަގަމުންގޮސް ހަ "ވައު" ނެގި ތަނެވެ.

ހަ ވައު ނެގުމާއެކު އެކަން އެއްބަޔަކަށް މަޖާވި ނަމަވެސް ހަވާ ބަލަން އެއްވެ ތިބި މީހުންނަށް ހަވާ ނުފެނި "ހަ ވަލެއް" އަރުވާތަން ދެއްކުމުން، އެއްބަޔަކު ރުޅި އައިސް ހިތްހަމަނުޖެހި އެ ސަމާސާ ވިހަވެ، ބައެއް މީހުންގެ ފާޑުކިޔުންތައްވެސް އެ ރަށު ކައުންސިލަށް އަމާޒުވިއެވެ.

ނަމަވެސް، ކުރިއަށް އޮތް މިނިވަންދުވަސް ފާހަގަ ކުރުމަށް އެރަށުގައި "އަސްލު" ހަވާ އަރުވާނެކަމަށް ކުޅުދުއްފުށީގެ މޭޔަރު މުޙާއްމަދު އާތިފް ވިދާޅުވެފައިވެއެވެ.

އަދި އެކަމަށް ބަޖެޓު ދީފައިވަނީ ހޯމް މިނިސްޓްރީން ކަމަށާއި ޖުލައި 26 ފާހަގަކުރުމަށް ޝޯއަކާ އެކު ހަވާ އަރުވަން ނިންމާފައިވާ ކަމަށްވެސް މޭޔަރު ވަނީ މަޢުލޫމާތުދެއްވާފައެވެ.

ބޮޑު ޢީދުގައި ކުޅުދުއްފުށީގައި ހަ ވާ އެރުވުމުން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ އޭރުވެސް ލިޔެފައި އޮންނާނީ ހަ ވާ އަރުވާ ވާހަކަ ކަމަށާއި ހަވާ އަރުވާ ވާހަކައެއް އަންގާފައިނުވާނެކަމަށެވެ.

ކުޅުދުއްފުށި ހިމެނޭގޮތަށް ރާއްޖޭގެ ބައެއް ހިސާބުތަކުގައި މިނިވަން ދުވަސް ފާހަގަކުރަން ނިންމާފައިވާއިރު، ހޯމް މިނިސްޓްރީން އަންނަނީ މާލޭގައި ވެސް ކުޅިވަރު ހަރަކާތްތައް ބާއްވަން ތައްޔާރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!