ޚަބަރު ސަރުކާރު

އިތުރު 23 ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓުމުގެ ފުރުސަތު ދެނީ!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް މިހާރު ނިންމާފައިވާ ރިސޯޓުތަކުގެ އިތުރުން އިތުރު 23 ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓުމުގެ ފުރުޞަތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވައިފިއެވެ.

Ads by MWSC

އިލެކްޝަނުން މައުލޫމާތު ދެއްވި ގޮތުގައި ވޯޓުފޮށި ބެހެއްޓޭނީ, އެ ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިންއާ އެއްގޮތަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 30 މީހުން ރީ-ރަޖިސްޓްރޭޝަން ފޯމު މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅުމުންނެވެ. އަދި އެކަން މިހާރު ޓޫރިޒަމް މިނިސްޓްރީއަށްވެސް ވަނީ އެކޮމިޝަނުން އަންގަވައިފައެވެ.

މިހާރު އޮތްގޮތުން ނަމަ މި އަހަރުގެ އިންތިޚާބުގައި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ 604 ވޯޓު ފޮއްޓެވެ.

އެގޮތުން, ރިސޯޓުތަކުގައި ބަހައްޓަން ނިންމީ 78 ފޮއްޓެވެ. އެހެންނަމަވެސް ރީ-ރަޖިސްޓްރޭޝަނަށް ފަހު މިއަދަދުތަކަށް ބަދަލު އައުން އެކަށީގެން ވެއެވެ.

ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ- ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވައިލައިފައިވަނީ މިމަހުގެ 16 އިން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް އޮންލައިންކޮށް ރަޖިސްޓްރީ ވެވޭނީ މިމަހުގެ 29 އާއި ހަމައަށް ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.

މިގޮތަށް ނިންމީ އީސީގެ ސިސްޓަމްތެރެއިން ވެރިފައި ކުރަންޖެހޭ ކަންކަން ވެރިފައި ކުރުމަށާއި ދިމާވެދާނެ އެހެން ޓެކްނިކަލް ކަމެއްގެ ސަބަބުން އެންމެ ފަހު ވަގުތު މީހެއްގެ ވޯޓްދިނުމުގެ ޙައްޤު ގެއްލުނަ ނުދިނުމަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!