ޚަބަރު

ބޮޑެތި ބަލިތަކަށް ބޭރުން ފަރުވާ ކުރަން ޖެހޭ ފަރާތްތަކަށް ކެއިން ބުއިމުން ފެށިގެން ހުރުމުގެ ޚަރަދާއެކު ދޭނަން: ޤާސިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ރިޔާސީ ޓިކެޓްގައި ވާދަ ކުރައްވާ ޤާސިމް އިބްރާހީމް ވެރިކަން ލިބިއްޖެނަމަ ބޮޑެތި ބަލިތަކަށް ފަރުވާ ކުރުމުގެ ހުރިހާ ޚަރަދެއް ވެސް ކުރާނީ ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޤާސިމް މިހެން ވިދާޅުވެފައިވަނީ, ޒުވާނުންނަށް ހާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވީޑިއޯ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

ޤާސިމް ވިދާޅުވީ, ޖޭޕީގެ ވެރިކަމެއްގައި ބޮޑެތި ބަލިތައް ދިމާވާ ޒުވާން ކުދިންނަށާއި، އަދި އެނޫން ފުރައިގެ މީހުންނަށްވެސް ފުރިހަމަ ސިއްހީ ފަރުވާ ލިބޭނެ ކަމަށެވެ. އަދި ފުރިހަމަ ސިއްޙީ ފަރުވާ އެމަނިކުފާނު މާނަ ކުރައްވާ ގޮތް ވިދާޅުވެ ދެއްވިއެވެ.

"ރާއްޖެއިން ބޭރަށް ދާން ޖެހޭ ކަމަށް ވަންޏާ ހުރިހާ ޚަރަދެއް, އެހީތެެރިއަކަށް ދާނެ ޚަރަދާއި, ހުރުމުގެ ޚަރަދާއި, ޑޮކްޓަރަށް ދެއްކުމުގެ ޚަރަދާއި ގޭގެ ޚަރަދާއި ކެއިން ބުއިމުގެ ޚަރަދާއި ހުރިހާ ޚަރަދެއް ސަރުކާރުން ހަމަ ޖައްސާނެ" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ, ރާއްޖޭން ބޭރަށް ދަތުރުކުރާ މީހުން މަދުކުރުމަށްޓަކައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަލިބައްޔަށް ބޭސްފަރުވާކުރެވޭނެ ނިޒާމު ހަމަޖެއްސުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވެރިކަމަށް ވަޑައިގެން ކުރައްވާނެ ކަމަށެވެ. އަދި މާލެ ހިމެނޭހެން ރާއްޖޭގެ ތިން ސަރަހައްދެއްގައި, ހުރިހާ ވައްތަރެއްގެ ބަލި ބައްޔަށް ބޭސްފަރުވާގެ ނިޒާމު ވެރިކަމުގެ ތިންވަނަ އަހަރުގައި ޤާއިމް ކުރައްވާނެ ކަމަށް ވަޢުދުވެ ވަޑައިގަތެވެ.

"އެ ވަސީލަތްތައް ގާއިމްކޮށް، ރާއްޖޭން ބޭރަށް ދިޔުމުގެ ދަތި އުނދަގޫ ބުރަ މަސްއޫލިއްޔަތުން ސަލާމަތްކުރާނަން އިރާދަކުރެއްވިއްޔާ،" ޤާސިމް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!