ބޮލީވުޑް މުނިފޫހިފިލުވުން

ކައިވެނިކޮށްގެން ހުރެ ވަރުން ޖާންވީއާއެކު ގައިގޯޅިވެ ފޮޓޯއެއް ނެގުމުން ފާޑުކިޔަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވަރުން ދަވަން އަދި ޖާންވީ ކަޕޫރު

ބޮލީވުޑް އެކްޓަރު ވަރުން ދަވަން އޭނާގެ ކޯ ސްޓާ ޖާންވީ ކަޕޫރާއިއެކު މާ ބޮޑަށް ގައިގޯޅިވެގެން ފޮޓޯތަކެއް ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކަޅު ހިތަކާއިއެކު ޖާންވީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުގައި ޖާންވީ ހުންނަނީ ކަރު ނެތް ކަޅު ކުލައިގެ ހެދުމެއް ލައިގެންނެވެ. ކަޅާ ހުދުގެ މި ފޮޓޯތަކުގައި ވަރުން ހުންނަނީ ހުދު ކުލައިގެ ބެނިއަންއެއް ލައިގެންނެވެ. އެއީ އޭނާ އެމްބެސެޑާކަން ކުރަމުން ގެންދާ ލަކްސް ކޯޒީ ބްރޭންޑުގެ ބެނިއަން އެކެވެ.

މި ފޮޓޯތައް އިންސްޓަގްރާމަށް ދޫކޮށްލުމާއިއެކު ކޮމެންޓުތައް އޮހެން ފެށި އެވެ. ބައެއް މީހުން ވަނީ މި ފޮޓޯތަކުގައި މާ ބޮޑަށް ގައިގޯޅިވެފައިވާތީ ކަމުނުދާކަމަށް ބުނެފަ އެވެ. އަނެއްބަޔަކު ބުނީ ކައިވެނި ކޮށްގެން ހުރެ ފިލްމެއްގައި ނޫން ގޮތަކަށް މިހެން އުޅުން އެހާ ރަނގަޅު ނޫން ކަމަށެވެ.

ބައެއް ސަޕޯޓަރުން ވަނީ ވަރުންގެ އަންހެނުން ނަތާޝާ ދަލާލު ޓެގުވެސް ކޮށްފަ އެވެ. ނަތާޝާ މިހާރު އެ ދެމީހުން ހޯދަމުން ދާކަމަށް ކޮމެންޓު ތަކުގައި ބުނަމުން ދިޔަ އެވެ. ޖާންވީ އަދި ވަރުންގެ ބައެއް ފޭނުންނަށް މި ފޮޓޯތައް ވަރަށް ކަމުދިޔަ އެވެ. އެހެންކަމުން ކޮމެންޓު ސެކްޝަންގައި ތައުރީފުގެ ބަސްތައްވެސް އޮހުނެވެ.

ފިލްމު ރިލީޒްކުރުމުގެ ކުރިން އެފިލްމެއްގައި ފެންނަ ދެ ތަރިން އެކުގައި މިފަދަ ފޮޓޯ ޝޫޓުތައް ޖެއްސުމަކީ އާންމު ކަމެކެވެ. ވަރުން އާއި ޖާންވީގެ "ބަވާލް" ރިލީޒް ކުރީ މިއަދު އެވެ. މިފިލްމު އެމޭޒަން ޕްރައިމްގައި މިހާރު ދަނީ ސްޓްރީމް ކުރަމުންނެވެ.

މިފިލްމަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން ދާއިރު މިއީ ޖާންވީއާއި ވަރުންގެވެސް އެންމެ ރަނގަޅު އެއް މަސައްކަތް ކަމަށް ބައެއް ޑައިރެކްޓަރުންވެސް ދަނީ ބުނަމުންނެވެ. ބަވާލް އަކީ ލޯބީގެ ޑްރާމާ ފިލްމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!