ޚަބަރު ސިޔާސީ

ރައީސްއަށް ތެދުވެރިވުމަށް ޤާސިމް އަބަދުވެސް ނަސޭހަތް ދެއްވާ: ނައިބު ރައީސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ވަފާތެރި ނައިބެއްގެ ގޮތުގައި ހުންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހީމް އަބަދުވެސް ނަސޭހަތް ދެއްވާ ކަމަށް ނައިބު ރައީީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މި ފަސް އަހަރުގައި، ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޖޭޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް، ރާއްޖެ ޓީވީގައި ވިދާޅުވީ، ޤާސިމް އަކީ އެމަނިކުފާނުގެ ބައްޕައެއް ފަދަ ބޭފުޅެއް ކަމަށާއި، އަބަދުވެސް ދެއްވަނީ ހެޔޮ ނަސޭހަތް ކަމަށެވެ.

ޤާސިމާ އެންމެ ފަހުން ބައްދަލުވެވަޑައިގަތީ ދެ ތިން މަސް ކުރިން ކަމަށާއި، އޭރު "ފައިސަލް ތިޔަ ކުރިއަށް ގެންދަވަނު ރަނގަޅަށް" ކަމުގައި ޤާސިމް ވިދާޅުވެފައިވާކަން ފައިސަލް ފާހަގަކުރެއްވިއެވެ.

"ޤާސިމާ ބައްދަލުކޮށް ދެންނެވިން، އަޅުގަނޑު ބޭނުންވަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަންށޭ، ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރި ކަމާއެކު ވީހައިވެސް ގިނަ މަސައްކަތް ކުރަން. ދެން، ވިދާޅުވީ، ފައިސަލް ހަމަ ވަރަށް ރަނގަޅަށޭ ކުރަނީ، ފައިސަލް ޖެހޭނީ، ރައީސަށް ޖެހޭނެއޭ ތެދުވެރިވާން."

ރައީސް ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ހައްޤުވާ ކަމަށް ވަރަށް ކުރިން ވެސް ވިދާޅުވެފައިވާނެކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ރައީީސް އަކީ ޤައުމާއި ރައްޔިތުންނަށް ވަރަށް ބޮޑަށް ހެޔޮ އެދިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިއެއް ކަމަށެވެ.

ނައިބު ރައީީސް ފައިސަލް ވަނީ، އެމްޑީޕީގެ މި ފަހަރުގެ ވެސް ރިޔާސީ ކެންޑިޑޭޓް، ރައީީސް ޞާލިޙުގެ ރަނިންމޭޓު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ރައީީސް ޞާލިޙުގެ ރަނިންމޭޓު އަދި މިހައިތަނަށް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!