އިންޑޮނޭޝިއާގައި ފެރީއެއް އަޑިއަށް ގޮސް 15 މީހުން މަރުވެއްޖެ
އިންޑޮނީޝިއާގެ ސުލަވެސީ އައިލެންޑުން ފެރީއެއް އަޑިއަށް ގޮސް 15 މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން ބުނީ އެ ފެރީ އަޑިއަށް ދިޔަ އިރު އެ ފެރީގައި ތިބީ ކިތައް ފަސިންޖަރުން ކަން ސާފު ނުވާކަމަށާއި ގެއްލުނު 19 މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ. އަދި ހަ ފަސިންޖަރުން ސަލާމަތްކޮށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އެ އެޖެންސީން ބުންޏެވެ.
ފެރީ އަޑިޔަށް ގޮސް މީހުން މަރުވުމުގެ ހާދިސާތަކަކީ އިންޑޮނޭޝިޔާގައި ދޭތެރެއިން ދޭތެރެއިން ހިނގާ ހާދިސާތަކެވެ.
މިގޮތުން 2018 ވަނަ އަހަރު ސުމަޓްރާ އައިލެންޑްގެ ލޭކް ޓޯބާގައިވެސް ވަނީ މިފަދަ ހާދިސާއެއް ހިނގައި 192 މީހުން ގެނބިގެން މަރުވެފައެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ މެއި މަހު 800 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރި ފެރީއެއް އިރުމަތީ ނޫސާ ޓެންގަރާ ޕްރޮވިންސްގެ ކަނޑުގެ ސަރަހައްދުގައި އަޑިއަށް ދިޔައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.