ރައީސަކަށް ހުންނަވާ ބޭފުޅަކު ކަންތައްކޮށްދިނުމަކީ ހެޔޮފުޅު ވުމެއް ނޫން: ޤާސިމް
ރައީސަކަށް ހުންނަވާ ބޭފުޅަކު ކަންތައް ކޮށްދިނުމަކީ އެ ފަރާތެއް ހެޔޮފުޅުވުން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް ރޭ މީޑިއާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ވެރިކަމުގައި ހުރެގެން ކޮށްދޭ ކަންތައްތަކަކީ އެ ބޭފުޅެއްގެ ހެޔޮފުޅުކަމުން ނުވަތަ މޮޅުކަމުން ކޮށްދޭ ކަންތައްތަކެއް ނޫން ކަމަށާއި ރައްޔިތުންނަށް ވެރިކަމަށް މީހަކު އިންތިހާބު ކުރަނީ ވެސް އެކަން ކޮށްދިނުމަށްޓަކާ ކަމަށެވެ. އަދި ރައްޔިތުން ދޭ ފައިސާ އިން މުސާރަ އާއި އެހެން ހަރަދުތައް ލިބިގެން ކުރާ ކަންކަމަކީ ވެރިމީހާގެ މޮޅުކަމުން ކުރާ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއީ ރައްޔިތުންގެ ފައިސާ. ރައްޔިތުންގެ އެއްޗެހިން ރައްޔިތުންނަށް ކަންތައްތަށް ކޮށްދިނުމަކީ އެއީ މީހެއްގެ މޮޅުކަމުން އޭނަގެ ކުޅަދާނަކަމުން، ހެޔޮފުޅުކަމުން ކޮށްދޭ ކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހެޔޮފުޅުކަމުން ކަމެއް ކޮށްދިނުން ކަމަށްވާނީ އަމިއްލަ މަސައްކަތުން ހޯދާފައި ހުރި ފައިސާ އިން އެހީ ދިނުން ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން އަތުން ޓެކްސް ނަގައިގެން ސަލާމަތް ނުވެވޭ ވަރުގެ ބޮޑެތި ދަރަނި ލޯނަށް ނަގައިގެން އައިސް ކަންކަން ކޮށްދިނުމުން އެ ދަރަނި ވެސް އަދާކުރަންޖެހޭ ބަޔަކީ ރައްޔިތުން ކަމަށްވާނަމަ އެއީ ހެޔޮފުޅު ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއީ އެއްގޮތަކަށް ވެސް މީހެއްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެއް ނޫން. އެއީ ރައީސުލްޖުމްހޫރިއްޔާ، ރައީސުލްޖުމްހޫރިއްޔާ ކިޔައިގެން އަތްޖަހާފައި ބާރަށް ފާޑުފާޑަށް އުޅުނަކަސް އެއީ އެހެން ކުރާ ކަމެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު ޖޭޕީގެ ކެމްޕެއިން ޓީމުތަކުން އަންނަނީ ގާސިމަށް ތާއީދު ހޯއްދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންނެވެ.
ތިޔައީ ވަރަށް ބޮޑުތެދެން އަދިކަލަގޮވާކަން އެއީރަށްޔިތުންގެ ފައިސާއެންނު