މިއީ ރަސްކަމެއް ނޫން, ވާދަވެރި އެންމެ ބޮޑު ޕާޓީއަށް ވާދަ ނުކުރެވުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން: ރައީސް ޑރ. ވަހީދު

މިއީ ރަސްކަމެއް ނޫން ކަމަށާއި ވާދަވެރި އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
11 އަހަރުގެ ޖަލު ހުކުމެެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަންނަން ނިންމި މައްސަލައިގެ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ސުޕްރީމް ކޯޓު ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ޖުޑީޝަރީއަށް ކުރިމަތިވާ އުނދަގޫތައް އެންމެންނަށް ވެސް އިނގޭ ކަމަށެވެ. އަދި މިއަދުގެ އަަޑުއެހުން ނުފެށި ލަސްވެގެން ދިޔުމަކީ އޭގެ މިސާލެއް ކަމަށް ވަހީދު ވިދާޅުވިއެވެ.
“މިޔަށްވުރެ މާ ބޮޑެތި ކަންތައްތައް ވެގެން މިދަނީ. އެކިއެކި ފަނޑިޔާރުންނަށް ބިރު ދެއްކުމާ، މި ބާވަތުގެ ކަންތައްތައް ކުރަމުންދާކަން އަޅުގަނޑުމެންނަށް އެނގިގެން މިދަނީ. އަޅުގަނޑުގެ ވާހަކަ އަކީ މި އިންތިހާބު ރަނގަޅަށް ގެންދިޔަ ދެއްވާށޭ” ވަހީދު ވިދާޅުވިއެވެ.މީގެ އިތުރުންް މިއީ ޑިމޮކްރަސީއެއް ކަމަށާއި ހިނގަމުން މިދަނީ ރަސްކަމެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއެއްގައި މަލްޓި ޕާޓީ ވާދަކުރެވެން ޖެހޭނެ ކަމަށާއި ވާދަ ކުރެވެން އޮތް އެންމެ ބޮޑު ޕާޓީ ވާދަނުކުރެވޭ ގޮތަށް ބަންދުކޮށްފައި ބާއްވައިގެން ރައީސް ޞާލިޙް ކެމްޕެއިން ކުރައްވަމުން ގެންދެވުމަކީ އިންސާފެއް ނޫން ކަމަށް ވަހީދު ވިދާޅުވިއެވެ. ވަހީދު ވަނީ މި ސަރުކާރަށް ކެރޭނަމަ ހަމަހަމަ ޕްލެޓްފޯމެއްގައި މަސައްކަތް ކުރުމަށާއި އަނިޔާވެރިކޮށް ކަންކަން ނިންމާއިރު ރައްޔިތުން ބަލަން ނުތިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.






ކޮމެންޓް