ޚަބަރު ސިޔާސީ

އުއްމީދަކީ އަޅުގަނޑުގެ އެޕްލިކޭޝަން އިލެކްޝަނަށް ލާން ނުޖެހުން: މުއިއްޒު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި ރަނިންމޭޓު ހުސައިން ލަތީފު

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެނޑިޑެންސީ އެޕްލިކޭޝަން ތައްޔާރު ކުރަމުންދާކަމަށާއި އެހެންނަމަވެސް އަދިވެސް އުއްމީދަކީ އެޕްލިކޭޝަން އިލެކްޝަނަށް ހުށަހަޅަން ނުޖެހޭގޮތް ވުންކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ޕީއެންސީން ވާދަކުރަން ނިންމީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވާދަކުރާށެވެ. އެހެންނަމަވެސް އިއްޔެ އިދިކޮޅު ލީޑަޝިޕުން ވަނީ ރައީސް ޔާމީނަށް ވާދަނުކުރެއްވޭނަމަ ޕީޕީއެމްއިން އެހެން ކެނޑިޑޭޓެއް ނެރޭނެކަން އިއުލާން ކޮށްފަ އެވެ. އަދި މުއިއްޒު އަކީ ޕްލޭން ސީ ކަމަށް ލީޑަޝިޕުން ބުނެ އެވެ.

މުއިއްޒު މިއަދު ވިދާޅުވީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަން ހުށަހަޅަން ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ދުޢާއަކީ، 7 އޯގަސްޓުގެ ވަގުތު ހަމަވުމުގެ ކުރިން، އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިޔުން. އަދި މި ތައްޔާރުކުރެވޭ "ބެކްއަޕް" އެޕްލިކޭޝަން ލާންނުޖެހުން." މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އަކީ ޕްލޭން ސީ ކަމަށް ކަނޑައެޅީ ބެލެވޭ ގޮތުގައި ރައީސް ޔާމީންގެ އިތުބާރު އޭނާއަށް ނެތުމުންނެވެ. އެގޮތުން މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓުކަން މުއިއްޒު އަށް ދޭން މަޝްވަރާ ކުރިކަމުގެ އަޑުތަކެއް ފެތުރިފަ އެވެ. ރިޔާސީ ޓިކެޓު ނުލިބުނު ނަމަ ރައީސް ޞާލިހުގެ ރަނިން މޭޓުކަން މުއިއްޒު ގަބޫލު ކުރެއްވީސްކަމަށް ބައެއް ސޯސްތަކުން ކަށަވަރުކޮށްދެ އެވެ.

މިވާހަކަތަކާއި ގުޅިގެން މުއިއްޒު ވާހަކަ ދައްކަވައިފައެއް ނުވެ އެވެ. އެހެންނަމަވެސް އެކަމަށް އޭނާ އިންކާރުވެސް ނުކުރައްވަ އެވެ.

ރައީސް ޔާމީންގެ ކެނޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. ޕީޕީއެމްއިން ވާދަކުރައްވާނެ ކެނޑިޑޭޓަކު އިއުލާން ކުރައްވާނީ ސުޕްރީމް ކޯޓުން ނިޔާ އިއްވުމުން ކަމަށް ބެލެވެ އެވެ.

Ads by HDC
  1. އަލީރަޝީދު ހުޅުމާލެ

    އުއްމީދު އެއްކައިރީގައި ބާއްވާފައި ފުލް ގިޔަރުގައި ތިހިރަދަނީ ކެމްޕޭނު ކުރަމުންނެވެ. ޔާމީނު ބިރުން އެއުޅޭ ބާޒެއްގެ އަތްމައްޗަށް ޕާޓީ ހުރެގެން ދަނީއެވެ. މިހާރުވެސް ޓީމު ދަނީ ބޮޑުކުރަމުންނެވެ.

  2. އަލިފުތު

    އަހަރުންވެސް ޔާމީން ނޫން ކެންޑިޑޭޓެއް ގަބޫލެއް ނުކުރާނަމެވެ. މިއީކީ ވިރާސީ ރަސްކަމެއް ނޫނެވެ. އެއްރަސްކަލަކު ދާއިރަށް އަނެކަކު ދެއްކިޔަސް ގަބޫލެއް ނުކުރެވޭނެއެވެ. އަހަރުމެންގެ އަމިއްލަ އިޚްތިޔާރެއް ވެރިކަމުގައި ނޯންނާނެ ހެއްޔެވެ؟ މިއީ އެހާ ނިކަމެތި ބަޔެއް ހެއްޔެވެ؟

  3. ފީލުބާކު

    މުއިްޒު ތިބޭފުޅާގެ ހިތުގަ އޮތް އެއްޗެއް ދެނެވޮޑިެންވާނީ މާތް ﷲ…އިންސާނީ ތަބީޢަތާ ދެކޮޅަށް ވާހަކަ ނުދައްކާ…