ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ޖުމްހޫރީ ޕާޓީން ވަކިވެއްޖެއެވެ.
މައުސޫމް ދެންމެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީން މިއަދު ވަކިވެފައިވާ ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ޖޭޕީގެ ލީޑާޝިޕާއި މެންބަރުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
މައުސޫމް ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުއެވެެ.
އެ ޕާޓީން މައުސޫމް ވަކިވެފައިވާއިރު އަންނަ މަހު 9ގައި ބާއްވާ އިންތިހާބުގައި ވާދަކުރަން ގާސިމް ހުށަހެޅުއްވި ފޯމު އިލެކްޝަން ކޮމިޝަނުގެ ފަރާތުން ބަލައި ޗެކްކުރުމަށްފަހު ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބީ ޝަރުތު ހަމަވާ ކަމަށް ބަލައި ކެންޑިޑެންސީ ވަނީ ގަބޫލުކޮށްފައެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު 2 ޖެހިއިރު ހަމަވިއިރު އިންތިޚާބުގައި މިނިވަންކޮށް 3 ކެންޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. އަދި އެކި ސިޔާސީ ޕާޓީތަކުން 5 ކެންޑިޑޭޓަކު ވަނީ ވާދަ ކުރައްވާފައެވެ.
ސިޔާސީ ޕާޓީތަކުން ކުރިމަތިލެއްވި ކެންޑިޑޭޓުންނަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު / އެމްޑީޕީ, ޑރ.މުހައްމަދު މުއިއްޒު / ޕީއެންސީ, ޤާސިމް އިބްރާހިމް / ޖުމްހޫރީ ޕާޓީ, މުހައްމަދު ނާޒިމް / އެމްއެންޕީ, އަދި އިލްޔާސް ލަބީބް / ޑިމޮކްރެޓްސް އެވެ. އަމިއްލަ ގޮތުން އަހުމަދު ފާރިސް މައުމޫން, އުމަރު ނަސީރު އަދި ހަސަން ޒަމީލް ވަނީ އިންތިހާބަށް ކުރިމަތިލައްވާފައެވެ.