އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ކުރައްވަން އަދި ނުނިންމަވާކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ޑރ. ވަހީދު ހުންނެވީ ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުގަ އެވެ. އެޕާޓީން ވަނީ ޕީއެންސީގެ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމައި އެކަން އިއުލާންވެސް ކޮށްފަ އެވެ.
ރައީސް ވަހީދު ޑރ. މުއިއްޒު އަށް ތާއީދު ކުރަން ނިންމާފައިވާކަމަށް ބައެއް މީޑިއާތަކުގައި މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ. އެކަން ދޮގު ކުރައްވައި ރައީސް ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ކުރަން އަދި ނުނިންމަވާ ކަމަށެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން ރައީސް ވަހީދު ނިންމަވާ ގޮތެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވަހީދު މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމާއި މިއަދު ބައްދަލު ކުރައްވައިފަ އެވެ. ރައީސް ވަހީދުގެ ގެކޮޅުގައި މިއަދު އޮތް މި ބައްދަލު ކުރެއްވުމުގައި ގާސިމަށް ތާއީދު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޖުމްހޫރީ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އިދިކޮޅު ޕީޕީއެމްގެ ލީޑަޝިޕްގައި ތިއްބެވި ގިނަ ބޭފުޅުން ވަނީ މާލޭގެ މޭޔަރުކަންވެސް ކުރައްވާ ޑރ. މުއިއްޒަށް ތާއީދު ކުރަން ވަނީ ނިންމަވައިފަ އެވެ. އެހެންނަމަވެސް ހިޔާލު ތަފާތުވުން އުފެދި ބައެއް ބޭފުޅުން މުއިއްޒަށް ތާއީދު ނުކުރަން ނިންމާފައިވާކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. މިހާތަނަށް ޕީޕީއެމް ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އެފަދަ ކަމެއް ރަސްމީކޮށް އިއުލާންކޮށްފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.
ކަލޭނުކުރިއްޔާ ރަނގަޅީވެސް.%5