ޚަބަރު ސިޔާސީ

އަނެއް ކެނޑިޑޭޓުގެ ގަދަރު ކުޑަނުވާގޮތަށް އިހުތިރާމާއެކު ކެމްޕެއިންކުރަން އިލްތިމާސްކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ކެނޑިޑޭޓުން ކެމްޕެއިން ކުރާއިރު އެހެން ކެނޑިޑޭޓުންގެ ގަދަރު ކުޑަވާފަދަ އެއްވެސް އަމަލެއް ނުހިންގުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

Ads by STELCO

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ގިނަ އަދަދެއްގެ ކެނޑިޑޭޓުން މިފަހަރުގެ އިންތިހާބަށް ނިކުތުމުން ދޭހަވަނީ ޑިމޮކްރަސީގައި ރާއްޖެ ކުރިއަރާފައިވާ މިންވަރު ކަމަށެވެ. އަދި މިރެއިން ފެށިގެން އިންތިހާބަށް ރަސްމީކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާއިރު ކެމްޕެއިންގައި އަހުލާގީ މިންގަނޑެއް ހިފެހެއްޓުމަށް ހަބީބު އިލްތިމާސްކުރެއްވި އެވެ.

ހަބީބު ވިދާޅުވީ މިފަހަރުގެ އިންތިހާބަކީ އެހެން ރިޔާސީ އިންތިހާބުތަކާއި އަޅާ ބަލާއިރު ވާދަވެރިކަން އިތުރު އިންތިހާބަކަށް ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މި ވާދަވެރިކަމުގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކު އަނެއް ކެނޑިޑޭޓަށް ގަދަރު ކުޑަކޮށްގެން ނުވާނެކަމަށް ހަބީބު ވިދާޅުވި އެވެ.

ހަބީބު އެދިވަޑައިގެންނެވީ އެއް ކެނޑިޑޭޓަކު ބާއްވާ ޖަލްސާއަށް އެހެން އެއްވެސް ކެނޑިޑޭޓަކު ހުރަސް ނޭޅުމަށެވެ. އަދި އިންތިޒާމު ނަގާލަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށެވެ. މިފަދަ ކަމެއް ކުރިމަތިވާނަމަ ކަމާއިބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމަށްވެސް ހަބީބު އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން ރިޝްވަތުގެ އަމަލުތައް ނުހިންގުމަށާއި ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށްވެސް އޭނާ އެދިވަޑައިގެންނެވި އެވެ. ހަމައެއާއެކު ކެމްޕެއިންގެ ތެރެއިން އިސްލާމް ދީނަށް ހުރުމަތް ކެނޑޭފަދަ އެއްވެސް ވާހަކައެއް ނުދައްކަންވެސް އިލްތިމާސް ކުރެއްވި އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި 8 ކެނޑިޑޭޓުން ވާދަކުރާއިރު މިއީ ރާއްޖޭގައި ރެކޯޑު އަދަދެކެވެ. މީގެ ކުރިން އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަ އެވެ. އެއަހަރު 6 ކެނޑިޑޭޓުން ވާދަކުރި އެވެ. މީގެ އިތުރުން 2013 ގައި 4 ކެނޑިޑޭޓުން އަދި 2018 ގައި ވާދަކުރީ 2 ކެނޑިޑޭޓުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!