ޚަބަރު

އައްޑޫ ސިޓީން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދެނީ، ޒުވާނުންވެސް ހިމެނޭ: މޭޔަރު ނިޒާރު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

އައްޑޫސިޓީން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Sosun Fihaara
އެ ކައުންސިލުގެ މޭޔަރު މުހައްމަދު ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށާއި ފުރަތަމަ ފަހަރަށް ކައިވެނި ނުކޮށް ތިބި ނަމަވެސް، ޒުވާނުންނަށްވެސް ގޯތި ދޭން ނިންމާފައިވާ ކަމަށެވެ.

ގޯތި ލިބޭ މީހުންގެ ލިސްޓު މާދަން ހާމަކުރައްވާނެކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ.

މި ނިންމުން އައްޑޫސިޓީ ކައުންސިލުން ނިންމާފައިވަނީ، މިއަދު ބޭއްވި އައްޑޫސީޓީ ކައުންސިލުގެ ރަސްމީ 4 ވަނަ ދައުރުގެ 111 ވަނަ ރަސްމީ ޖަލްސާގައެވެ. މިއީ އައްޑޫގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމަށް މެމްބަރުން ފާހަގަކޮށްފައިވާއިރު، ޝަރުތު ހަމަނުވާ ފަރާތްތައް، ޝަރުތު ހަމަ ނުވާ ސަބަބުވެސް އިއުލާން ކުރާއިރު އެނގޭނެ ގޮތަށް ހުންނާނެ ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

އައްޑޫ ސިޓީން ގޯތި ދޫކުރަން ހުޅުވާލުމުން ގޯއްޗަށް އެދި 4,160 މީހުން ކުރިމަތިލިއިރު އޭގެ ތެރެއިން ޝަރުތު ހަމަވާ ކަމަށް ނިންމާފައި ވަނީ 3,972 މީހުންގެ އެެވެ. އެއީ ކުރިމަތިލީ މީހުންގެ ތެރެއިން ގާތްގަނޑަކަށް 95 ޕަސެންޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!