އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ކޯލިޝަން މަޝްވަރާ ކުރުމެއްނެތި, އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ނުދެއްވާ: ޤާސިމް
ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ޤާސިމްވެގެން އެބަތިބި ކަމަށާއި, އެކަން މި ސަރުކާރުންކޮށްފައިވަނީ ކޯލިޝަނުގެ މަޝްވަރާއެއް ނެތި ކަމަށް, މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރ, ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވެފައިވަނީ, މިހާރު ޤާސިމް އިބްރާހީމް އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނ.ހެނބަދުއަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައެވެ.
"ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ބޭރު ޤައުމެއްގެ ސިފައިން, އާދެ އިންޑިއާ ސިފައިން އެބަތިބިކަން އަޅުގަނޑުމެންނަށް އެބަ އިނގޭ." ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ, މި ސަރުކާރު ގެނައުމަށް ޕާޓީތަކުން ހެދި ކޯލިޝަން އެގްރީމެންޓްގައި އިސްލާމްދީނަށާއި، ދިވެހިންގެ އިސްތިޤުލާލަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކުރެވޭނީ ކޯލިޝަންގެ މެދުގައި މަޝްވަރާކޮށް ޤާނޫނީ ހަމަތަކުގެ މަތީންކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
"ރައީސް މައުމޫން މީގެ ދެތިން މަސް ކުރިން ސިޓީއަކުން އެދުނު، މިކަމުގަ ހުރި ކަންބޮޑުވުންތަކާއިއެކު ކަންކަން ސާފުކޮށްދެއްވުމަށް. މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވާ. އިންޑިއާ ސިފައިން ރާއްޖޭގެ ހަތަރު ފަސްދިމާލެއްގައި ތިބުމަކީ މައްސަލައެއް، އެކަން އެއީ މައްސަލައެއް. އަޅުގަނޑުމެން މިނިވަންކަން ނެތި ކިހިނެތްތޯ ކުރިއަށްދާނީ." ޤާސިމް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑުމެންގެ ރައްޔިތުން މިކަމާމެދު ކިހާވަރަކަށް ކަމެއް ވިސްނާނީ, މިތަނުގައި ބޭރު ސިފައިން, އިންޑިއާ ސިފައިން ތިން ހަތަރު ފަސް ދިމާއެއްގައި ތިބުމާމެދު, މިކަން މައްސަލައަކަށް ނުވޭތޯ?"
ޤާސިމްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ, ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވާ ގޮތަކުން ޤައުމުގެ މިނިވަން އޮވެދާނެ ކަމާއިއެކު ސުވާލު އުފެދޭ ކަމަށާއި, އެހެންކަމުން އެފަދަ ކަންކަމަށް ވޯޓް ލައްވާއިރު ވިސްނާލެއްވުން މުހިންމު ކަމަށެވެ.