ޚަބަރު ސިޔާސީ

ހިތަދޫ-ހުޅުމީދޫ ބްރިޖަކާއެކު ނާޒިމްގެ ގިނަ ވައުދުތަކެއް އައްޑުއަށް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
އައްޑޫ އަތޮޅު ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ނާޒިމް ވާހަކަ ދައްކަވަނީ ފޮޓޯ: އެމްއެންޕީ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫ އަތޮޅު ހިތަދޫއިން ހުޅުމީދޫ އަށް ބްރިޖު އަޅައި ގުޅުވާލާނެކަމަށެވެ.

Ads by Hajj Corporation

ނާޒިމް މިހެން ވިދާޅުވީ ކެންޕެއިން ދަތުރުގައި އެޕާޓީގެ މެންބަރުންނާއެކު އައްޑޫ އަތޮޅު ހިތަދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ބޭއްވި ބޮޑު ޖަލްސާގެ ތެރެއިންނެވެ. މި ޖަލްސާގައި ނާޒިމް ވަނީ އެ އަތޮޅުގެ ކޮންމެ ރަށެއް ތަރައްޤީ ކުރާނެ ގޮތުގެ ވީޑިއޯ ރިޕޯޓެއް ދައްކާފައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އައްޑޫގައި ނަރުދަމާއާއި ބިން ހިއްކުން ފަދަ މަސައްކަތްތައް ކޮށްފައި ހުރިތަން ފެންނަންހުރި ކަމަށާއި ނަމަވެސް ރަށުގެ ރައްޔިތުންނަށް ނަފާ ލިބޭނެ މަގެއް ތަނަވަސްކޮށްދެވިފައި ނުވާކަމަށެވެ. އަދި ރަށެއްގައި ހަމައެކަނި ފެނާއި ނަރުދަމާ އަދި ބިން ހިއްކުމަކުން އެއީ ތަރައްޤީއެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. އަދި އެއީ ސަރުކާރަކުން ހެޔޮފުޅުވެގެން ކުރާކަމެއް ނޫންކަމަށާއި އެއީ އެރަށެއްގެ ރައްޔިތުންގެ އަސާސީ ޙައްޤެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫ ވެގެންދާނީ އެންމެ ބޮޑު ބަދަލެއް އަންނާނެ ސިޓީކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުން މުއްސަނދިކުރުވާ ނަފާލިބޭ ބަޔަކަށް ހެދުންކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ ވިދާޅުވީ ޚިދުމަތްތައް ހޯދުމަށް ކަނޑުދަތުރު ކޮށްގެން ހުޅުމީދޫ ރައްޔިތުން ހިތަދޫއަށް ދިއުން ހުއްޓުވައި، އެކަމަށް ލުއިފަސޭހަ ކޮށްދިނުމަށް އެދެރަށް ގުޅުވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

"...އަޅުގަނޑުގެ ކުރެހުމުގައި ދެންމެ ދެއްކި ގޮތަށް، އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ހިތަދޫއިން ފެށިގެން ހުޅުމީދޫ އަށް ބްރިޖްއަޅައި ތިބޭފުޅުންނަށް ދައްކާނަން"

ނާޒިމްގެ ވެރިކަމެއްގައި އައްޑޫގެ އެކި ރަށްރަށަށް ކޮއްދޭނެ ކަންތައްތަކުގެ ތެރޭގައި:

  • މަސްވެރިން ބާނާ މަސް ގަނެ، ފިނިކޮށް، ރައްކާކޮށް އެކްޕޯޓުކުރުމަށާއި ދަޅުގައި ބަންދުކޮށް ރާއްޖޭން ބޭރަށް އެކްސްޕޯޓު ކުރުމަށް ކާރުހާނާއެއް އެޅުން
  • 5000 ކޮންޓެއިނަރުގެ ބައިނަލްއަޤުވާމީ ބަނދަރެއް ތަރައްޤީ ކުރުން (ޕޯޓްއަކާއި ޑިއުޓީ ފްރީ ޒޯނަކާ އެކު)
  • މުޅި އައްޑޫ އަތޮޅުގައި ތިބި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ނާސިން ހޯމެއް ޤާއިމްކުރުން

ހުޅުދޫ

  • ހުޅުދޫ އަދި މީދޫ އާދެމެދު ބްރިޖެއް އަޅައި ގުޅުވުން
  • 100 އެނދުގެ ހޮސްޕިޓަލެއް އެޅުން
  • ޑިނގާ ދިރުވާ އާލާކޮށް، ރާއްޖެ އާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާނެ ކާރުހާނާއެއް ޤާއިމްކުރުން
  • ފަތުރުވެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު މަތީ ފެންވަރުގައި ކިޔަވައިދީ، ބޭރުގެ ދަރިވަރުންނަށް ވެސް ފުރުސަތު ދެވޭނެ މަރުކަޒެއް އެޅުން
  • 20،000 އެނދުގެ ސިޓީ ހޮޓަލެއް އެޅުން
  • ތީމް ޕާކެއް އެޅުން
  • ޒަމާނީ ފެންވަރުގެ ޔޮޓް ޔާޑެއް ޤާއިމްކުރުން

ގަން

  • ގަމުގައި ޕައިލެޓުން ތަމްރީނު ކުރާނެ މުއައްސަސާއެއް އެޅުން
  • ގަމުގެ އެކި ހިސާބުގައި ލަގްޒަރީ ވިލާ އެޅުން
  • ގަމުގައި ދެނުކުގެ އެއާލައިނެއެއް ޤާއިމްކުރުން
  • ގަން-ފޭދޫ ސަރަހައްދުގައި އިސްލާމީ ތަޢުލީމާއި ދީނީ ކަންކަން ފަތުރައިދޭނެ އިސްލާމީ މަރުކަޒެއް އެޅުން
  • ކްރޫޒް ޓާމިނަލަކާއެކު ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުން

ހިތަދޫ

  • ސްކޫލުތަކާއި ތަފާތު އެކި ހުނަރު ދަސްކޮށްދޭ މަރުކަޒެއް އެޅުން
  • ކޮންވެންޝަން ސެންޓަރެއް އެޅުން
  • އޮލިމްޕިކް ފެންވަރުގެ ކުޅިވަރުތައް ކުޅެވޭނެ ތަނެއް އެޅުން
  • ކާރާއި ސައިކަލު ރޭސް ޖަހާނެ ޓްރެކެއް އެޅުން
  • ބަލިމީހުންނާ އެކީ އަންނަ މީހުންނަށް ތިބެވޭނެ ތަނަކާއެކު ހޮސްޕިޓަލެއް އެޅުން
  • ފަތުރުވެރިކަމަށް 3،000 އެނދާއެކު ޝޮޕިން މޯލަކާއި ސިނަމާއެއް ތަރައްޤީކުރުން

މަރަދޫ

  • މަރަދޫފޭދޫގައި މި ޒަމާނުގެ ހުރިހާ ވަސީލަތްތަކާ އެކު އިޖުތިމާޢީ މަރުކަޒަކާއި ދަތުގެ ފަރުވާދޭ މަރުކަޒެއް ޤާއިމްކުރުން
  • ފަތުރުވެރިން ރާއްޖެ އައިސް ދާއިރު ގެންދާނެ "ސްވެނިއާ" ނުވަތަ ހަދިޔާ ތައްޔާރު ކުރާނެ ކާރުހާނާއެއް ޤާއިމްކުރުން
  • ރާއްޖެއިން ބޭރުން ކުދިން ކިޔަވަން އަންނަ ފެންވަރުގެ ޔުނިވާސިޓީއެއް އެޅުން

މީދޫ

  • މީދޫގައި ދަނޑުވެރިކަން ތަރައްޤީކޮށް މާކެޓަށް ނެރެވޭނެ މަގު ފަހިކޮށްދިނުން
  • އަރަބި އިސްލާމް ތަޢުލީމުދޭ ދުނިޔޭގެ ފެންވަރުގެ މަރުކަޒެއް ޤާއިމްކުރުން
  • ދާރުސްއާސާރެއް ބިނާކުރުން

ނާޒިމްގެ އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. އަޙްމަދު އަދީލް ނަސީރުވެސް ވަނީ ބައިވެރިވެވަޑައިގަންނަވައި، ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ގޭގެއަށް ޒިޔާރަތްކުރައްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!