ފޮރިން އިންވަސްޓުމަންޓުތައް ގެންނަންވާނީ ހަމައެކަނި އިންވެސްޓަރުންނަށް ފައިދާވާ ގޮތަކަށް ނޫން: އަމްރު

ފޮރިން އިންވެސްޓުމަންޓުތައް ގެންނަވަންވާނީ ހަމައެކަނި އިންވެސްޓަރުންނަށް ފައިދާވާގޮތަކަށް ނޫންކަމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ ރަނިންމޭޓު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ގއ. ވިލިނގިއްޔަށް ވަޑައިގެން ކޫއްޑޫ އެއާޕޯޓުގެ ބައެއް މުވައްޒަފުންނާއިއެކު ބޭއްވި ބައްދަލުވުމެއްގައި އެ މުވައްޒަފުންވަނީ އެމީހުންގެ ޝަކުވާތައް އަމްރުއާއި ޙިއްޞާކޮށްފައެވެ.
އެގޮތުން، މިނިމަމް ވޭޖް އައުމާއެކު އެމީހުންގެ މުސާރަ ބޮޑު ތަނުން ކުޑަވެފައިވާކަމަށާއި، މިނިމަމް ވޭޖް ކަނޑައެޅުމާއެކު ކޫއްޑޫ އެއާޕޯޓުގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު 5000 ނުވަތަ 6000 ރުފިޔާ މަދުވާތީ، އެކަމުގެ ކަންބޮޑުވުން އެކި ފަހަރުމަތިން އެ ދާއިރާގެ މެމްބަރުގެ ސަމާލުކަމަށްވެސް އެކަމުގެ ވާހަކަ ގެންދިޔަކަމަށް މުވައްޒަފަކު ބުންޏެވެ.
އަދި ކޫއްޑޫ އެއާޕޯޓުގައި އެ މުވައްޒަފުންނަށް އަސާސީ ޚިދުމަތްތައް ނުލިބޭކަމަށާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ވާހަކަވެސް މެމްބަރުންނާއި ޙިއްޞާކުރެއްވި ކަމަށް މުވައްޒަފުން ބުނެފައިވެއެވެ.
ނަމަވެސް އެ މުވައްޒަފުންނަށް ޖަވާބަކަށް ލިބިފައިވަނީ އެ އެއާޕޯޓަކީ ފޮރިން އިންވެސްޓުމަންޓެއްގެ ދަށުން ހިންގާ އެއާޕޯޓަކަށްވާތީ ރައީސް ޞާލިޙުގެ ސިޔާސަތުތަކުގައި އެފަދަ ތަންތަނަށް ބާރު ހިންގޭނެ ޖާގައެއް ނޯންނަކަމަށް މެމްބަރު ވިދާޅުވިކަމަށް މުވައްޒަފުން ބުނެއެވެ.
އަދި ކުރީގެ ސަރުކާރުތަކުންވެސް އެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އެހެން އެއާޕޯޓުތަކާއި އެއްވަރަށް ބަދަލުކުރެއްވިކަމަށާއި އެއީ މި ސަރުކާރުންވެސް ބޭނުންފުޅުވާނަމަ ކޮށްދެވޭނެކަމެއްކަމަށް ޤަބޫލުކުރާ ކަމަށް އެ މުވައްޒަފުން ބުނެފައިވެއެވެ. އެހެންކަމުން މުވައްޒަފުންގެ ޝަކުވާއަށް ކޮށްދެވޭނެކަމެއް ނެތްކަމަށް މި ސަރުކާރުން ވިދާޅުވެފައިވާކަމަށާއި ބޭނުންވަނީ މިނޫން ގޮތެއް ހޯދުމަށްކަމަށްވެސް މުވައްޒަފުން ބުނެއެވެ.

މިކަމާގުޅިގެން ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ، ޕްރައިވެޓްކޮށް ހިންގާ އެހެން އެއާޕޯޓުތައްވެސް ހުންނަކަމަށާއި ރާއްޖޭގެ ފޮރިން އިންވެސްޓުމަންޓްތައް އަންނަނީ ހަމަޖެހިފައި ހުންނަ ޤަވާއިދުތަކުގެ ތެރެއިންކަމަށެވެ. މިސާލަކަށް ރިސޯޓުތަކުގައި ވަކި އަދަދަކަށް ދިވެހިންވެސް އެބަ މަސައްކަތްކުރާއިރު ވަކި ވަރަކަށް މުސާރައާއި، ސާވިސް އެލަވަންސް ދޭންޖެހޭކަމަށް ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ، އެއީ ވަކި އިންޑަސްޓްރީއަކަށް އޮންނަންޖެހޭ ކަމެއް ނޫންކަމަށާއި އެގޮތުން ހުރިހާ އިންޑަސްޓްރީއެއްވެސް ހަމަހަމަވާންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން، ރިސޯޓުތައް ދެނީ އެއާޕޯޓެއް އަޅައިގެން ހިންގާ މަތިންކަމަށްވާއިރު އެކަމުގައިވެސް ދިވެހި ސަރުކާރާއި އެކު އެއްބަސްވުންތައް ހެދިފައި ހުންނަންޖެހޭނެކަމަށާއި އެގްރިމަންޓުގައި މުވައްޒަފުންނާއި ބެހޭ ހުރިހާ މުހިންމު މައުލޫމާތެއްވެސް ހިމަނަންޖެހޭނެކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެފަދަ މައުލޫމާތު ނެތްނަމަ އެ މައުލޫމާތެއް އެގްރިމަންޓުގައި ހިމަނަންވާނެކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ކޫއްޑޫ އެއާޕޯޓުގެ މުވައްޒަފުން އިތުރަށް ބުނީ އެއާޕޯޓަކީ ފޮރިން އިންވަސްޓުމަންޓެއްކަމަށް ސަރުކާރުން ވިދާޅުވާއިރު، އެމީހުންނަށް އިންޝުއަރެންސް އެއްވެސް ނޯންނަކަމަށާއި މި ސަރުކާރަށް އެއްވެސް އުންމީދެއް ނެތްކަމަށެވެ.