މި ސަރުކާރަށް ހާޞިލްކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ މިނިވަން ފަނޑިޔާރުން ގާއިމުކުރެވުން: މީކާއިލް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނިމިގެންމިދާ 5 އަހަރުގައި ކުރެވުނު އެންމެ ބޮޑު ކަމަކީ ނުވަތަ ހާޞިލުކުރެވުނު އެންމެ ބޮޑު ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފަނޑިޔާރުން ގާއިމުކުރެވުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭނުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މީކާއިލް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ކަންތައް ކުރެއްވި ގޮތާއި މި ސަރުކާރުން އެފަދަ ކަންކަމުގައި ކަންތައްކުރައްވާ ގޮތް ވަރަށް ބޮޑަށް ތަފާތުކަމަށާއި، މީގެ ކުރިން ސަރުކާރުން ނުރުހޭ ގޮތަކަށް ހުުކުމެއް ނެރެގެން ދަމާ ކޫއްތަމުން ކަންނެއްޏެއް ހެން ގެންދާ ފަނޑިޔާރެއް މިހާރު ދިވެހިރާއްޖެއިން ނުފެންނާނެކަމަށެވެ.
"ފަސް އަހަރު ކުރިއެކޭ ޚިލާފަށް މިހާރު ތިބޭފުޅުންނަށް ސާފުވެލައްވާނެ ސަރުކާރުން ނުރުހޭ ގޮތަކަށް ހުުކުމެއް ނެރެގެން ދަމާ ކޫއްތަމުން ކަންނެއްޏެއް ހެން ގެންދާ ފަނޑިޔާރެއް ދިވެހިރާއްޖެއިން ނުފެނޭ" މީކާއިން ވިދާޅުވިއެވެ.
އަދި ނުރުހޭ ހުކުމެއް ނެރުމާއެކު ކުރީގެ ގޮތަށް މި ސަރުކާރުން ސުޕްރީމް ކޯޓުގައި ތަޅު ނާޅުއްވާނެކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.